ހިސާބު އިލްމު ބޭނުންކޮށްގެން ބިލިއަނަރަކަށް
ހިސާބު އިލްމު ބޭނުންކޮށްގެން ބިލިއަނަރަކަށްވި އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޖިމް ސައިމަންސް މަރުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކުގައި ދިރިއުޅުނު އުމުރުން 86 އަހަރުގެ ސައިމަންސް މަރުވީ ހުކުރު ދުވަހުގެ ވަގުތެއްގައި މެންހަޓަންގައި ހުންނަ އޭނާގެ ގޭގައެވެ. އޭނާގެ ތަރުޖަމާނު ޖޮނަތަން ގަސްތަލްޓަރ ވަނީ އޭނާ މަރުވިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަރުވި ސަބަބު ހާމައެއް ނުކުރެއެވެ.
ދެ ކައިވެންޏެއް ކުރި ސައިމަންސް އަށް ފަސް ކުދިން ލިބިފައިވެއެވެ. އޭނަ މަރުވި އިރު އަމިއްލަ މިލްކިއްޔާތު 31.4 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ސައިމަންސް އޮތީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 51 ވަނައިގައެވެ.
ވޯލް ސްޓްރީޓް އިންވެސްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެއް އިންވެސްޓަރު، ހިސާބު އިލްމުވެރިޔާ ޖިމް ސައިމަންސްއަކީ ރެނެއިންސަންސް ޓެކްނޮލޮޖީގެ ބާނީ އެވެ. ހިލޭ ސާބަހަށް އެކި ފަރާތްތަކަށް އެހީވުމަށް ވެސް ބޮޑު ހޭދައެއްކޮށްފައިވާ ސައިމަންސް އަކީ ހިސާބުގެ އިލްމުގައި ވެސް ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ.
ކުއަންޓަމް ފީލްޑް ތިއަރީ، ސްޓްރިންގް ތިއަރީ އަދި ކޮންޑެންސްޑް މެޓަރ ފިޒިކްސްއާ ގުޅޭ މުހިންމު ދިރާސާތަކެއް ޝާއިއުކުރުމަށްފަހު، 1980ގެ ފަހު ކޮޅު ސިމަންސް ނިންމީ އޭނާގެ ތޫނުފިލިކަން ކުޑަ މުއްދަތެއްގެ ތެރޭގައި ވީހާ ވެސް ގިނަ ފައިސާ ހޯދުމަށް ބޭނުންކުރުމަށެވެ.
އެހެންކަމުން އުމުރުން 40 އަހަރުގައި އޭނާ ނިއުޔޯކުގެ ލޯންގް އައިލެންޑްގެ ސްޓްރިޕް މޯލެއްގައި އޮފީހެއް ހުޅުވައި، ވިޔަފާރި މުދަލާއި ފައިސާއާއި ސްޓޮކް އަދި ބޮންޑްތަކަކީ ކެލްކިއުލަސް އަދި އޭނާއަށް ލިބިފައިވާ ހިސާބު އިލްމުން މާ ފަސޭހައިން ލަފާ ކުރެވޭނެ އެއްޗެއްކަން ސާބިތުކުރަން ފެށިއެވެެ. އެ މަސައްކަތުގައި ފައިނޭންޝަލް އެނަލިސްޓުންނާއި ބިޒްނަސް ސްކޫލް ނިންމާފައިވާ ދަރިވަރުންނާއި އެއް ވިސްނުމެއްގެ ހިސާބުވެރިންނާއި ސައިންސްވެރިން ވަޒީފާއަށް ނެގިއެވެ.
ސިމަންސް އޭނާގެ އެކުވެރިންނަށް ހިސާބުގެ މޮޑެލްތަކުން މާކެޓާ ގުޅޭ ޑޭޓާ ޕްރޮސެސް ކުރުމަށް އޭރުގެ ޒަމާނީ ކޮމްޕިއުޓަރުތައް ފޯރުކޮށްދީ، ރެނެސަންސް ޓެކްނޮލޮޖީސްގެ ހަތަރު އިންވެސްޓްމަންޓް ފަންޑު "ފައިސާ އުފައްދާ މެޝިންތަކަށް" ބަދަލުކުރިއެވެ. އެހެންވެ، އޭނާ މަޝްހޫރުވެފައި ވަނީ ހިސާބު އިލްމު ބޭނުންކޮށްގެން ފައިނޭންސްގެ ދާއިރާ ހިސޯރު ކުރި މީހެއްގެ ގޮތުގައެވެ.
އޭނާގެ އެއް އިންވެސްޓްމެންޓް ފަންޑު، މެޑާލިއަން 1988 ވަނަ އަހަރު އުފެއްދި ފަހުން އެ ފަންޑުން ޓްރޭޑުކޮށްގެން 100 ބިލިއަން ރުފިޔާގެ އާންމުދަނީއެއް މިއަދާ ހަމައަށް ހޯދާފައިވާ ކަމަށް ލަފާ ކުރެވެއެވެ.
ކޮމެންޓް