ބިދޭސީންގެ ފީތައް ދައްކަން އިތުރު މުއްދަތެއްދީފި

ވަޒީރު އިޙުސާން

މި މުއްދަތުގައި ޖޫރިމަނާގެ ފައިސާ ދައްކައި ޚަލާސްނުކުރާ ފަރާތްތަކުގެ ތަފްސީލު އާންމުކޮށް އިއުލާން ކުރުމާއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކުރާނެ

ވަޒީފާ އަދާކުރާ ބިދޭސީންގެ ފީ ނުދައްކައިގެން ސަރުކާރުން ލިސްޓު އާއްމުކޮށްފައިވާ ފަރާތްތަކުން އެފީ ދެއްކުމަށް އިތުރު މުއްދަތެއް ދީފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ހަވާލާދީފައިވާ ޤާނޫނާއި ޤަވާއިދުގެ ދަށުން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100,000 (އެއް ލައްކަ) ރުފިޔާ އަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތައް، 16 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ ކުރިން މި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށެވެ.

މި މުއްދަތުގައި ޖޫރިމަނާގެ ފައިސާ ދައްކައި ޚަލާސްނުކުރާ ފަރާތްތަކުގެ ތަފްސީލު އާންމުކޮށް އިއުލާން ކުރުމާއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ ހުށަހަޅަމުންދާތީ، މިއަދުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މަޢުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.