ރައީސް ޑރ. މުޢިއްޒު
ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މަގުސަދުގައި މުހިއްމު މަޝްވަރާތަކެއް މިއަދު ކެބިނެޓުން ނިންމާނެ ކަމަށް ވިދާޅުވި
ސަރުކާރުގެ އިތުރު ކުންފުނިތަކެއް އެއްކޮށްލަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ކެބިނެޓްގެ ބައްދަލުވުން ފެށުމުގެ ކުރިން އާންމު ކުރެއްވި ވީޑިއޯއެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މަގުސަދުގައި މުހިއްމު މަޝްވަރާތަކެއް މިއަދު ކެބިނެޓުން ނިންމާނެ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ހާމަކުރެއްވި ގޮތުގައި މިއަދުގެ އެޖެންޑާގައި އޮތީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާއި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ ހަފުތާގެ ތެރޭގައި ކެބިނެޓުން ވަނީ އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ބަދަލު ކުރުމަށްވެސް ނިންމާފައެވެ.
ރާއްޖޭގައި އިންވެސްޓްކުރާ ބޭރު މީހުންނަށް ރެސިޑެންސީ ދޭން މަޝްވަރާކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ވަނީ ހަމަޖެހިފައެވެ. އަދި އިންވެސްޓަރ ރެޒިޑެންސީ ޕްރޮގްރާމެއް ތަޢާރަފްކުރުމުން ރާއްޖޭގެ އިޤްތިޞާދު ޑައިވާސިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް