ވަޒީރު އާދަމް ޝަރީފް ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް ކުރައްވާ ބޭފުޅުންނާއި ވާހަކަ ދައްކަވަނީ
ރަބީއުވިލާގެ ހިމެނޭ ސަރަޙައްދުގެ ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކުރެއްވި
ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ބައްލަވާލައިފިއެވެ.
މާލޭ ކެނެރީ މަގުގައި ހުންނަ މީހުން ދިރިނޫޅޭ ބާ އިމާރާތެއް ކަމަށްވާ މ. ރަބީއުވިލާގެއަކީ މީގެ ކުރިން އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ގެއެކެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެގެއިން މަރުވެފައިވާ މީހަކުވެސް ފެނިފައެވެ. މި އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މަސްތުވާތަކެތި ބޭނުންކުރަން ދާ ފަޅު ގެއެކެވެ.
މީޑިއާތަކާއި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ މި އިމާރާތް 14 ދުވަހުގެ ތެރޭގައި ބިމާއި ހަމަކޮށްލެވުނީ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހިމް، ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ފަޔާޒްގެ ލީޑަރޝިޕްގެ ދަށުން ސުޕަވައިޒަރުންނާއި ޓީމުގެ އެހެން ބޭފުޅުން މަސައްކަތް ކުރެއްވީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. ވަޒީރު ވަނީ މަސައްކަތް ކުރިޔަށް ދިޔަ އިރުގައި ވުޒާރާގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުލިބޭކަމަށް ފާހަގަކުރައްވާފައެވެ. އަދި ކައިރީގައިވާ ގެތަކަށް ގެއްލުމެއް ވީކަމުގައި ވަނީ ނަމަ، އެ ގެއްލުމުގެ ބަދަލު ދެއްވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި އެ ގޮތަށް ބަދަލުދޭންޖެހޭ 2 ގެއަކަށް ބަދަލުދޭން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފް ޢުމަރު ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް ބައްލަވާލަނީ
ވަޒީރު ވަނީ ރަބީއުވިލާގެ ހިމެނޭ ސަރަޙައްދުގެ ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކޮށްފައެވެ. އަދި މިރޭގެ ވަގުތެއްގައި ސައިކަލުތަކަށް މަގު ހުޅުވާލެވޭނެ ކަމަށާއި މާދަމާގެ ވަގުތެއްގައި 4 ފުރޮޅުލީ ވެހިކަލްތަކަށް މަގު ހުޅުވާލެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ އެހެން މުއައްސަސާތަކާއެކު މާލެ ސިޓީގައި ތަޅާލަންޖެހިފައިހުރި އިމާރާތްތަށް އެހެން މުއައްސަސާތަކާއެކު ދެނެގަނެ، އެ މަސައްކަތާއިގެން ކުރިޔަށްދާނެ ގޮތް ރާވަމުންދާ ކަމަށް ހާމަކުރައްވާފައެވެ.
ކޮމެންޓް