ސެންޓްރަލް ޖަލާއެކު ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ: ވަޒީރު އިޙްސާން

ވަޒީރު އިޙްސާން

މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށް ވިދާޅުވި

ސެންޓްރަލް ޖަލާއެކު ބޮލަކަށް ޖެހޭ ޚަރަދު ކުޑަކުރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއް ކަމަށާއި މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށެވެ. މިކަން ހައްލުކުރުމަށް ދިރާސާކޮށް ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސެންޓްރަލް ޖަލު ޤާއިމުކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައި ކަމަށެވެ. އެތަން 3 އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެ ޖަލާއެކު ޚަރަދުކުޑަކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެތަން ހެދި ތިން އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ޚިދުމަތަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިކުރިއަށްދަނީ. އެ ހިސާބުން ބޮލަކަށް ޖެހޭ ޚަރަދު ގާތްގަނޑަކަށް 17000 ރުފިޔާއަށް ކުޑަކުރެވެގެންދާނެ ކަމަށް އަޅުގަނޑުމެންގެ މިހާރުގެ ހިސާބުކިތާބުތަކުން ދައްކަނީ. އަޅުގަނޑުމެން ކުރާ އުއްމީދަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުންކަމަށް ދާޚިލީ ވަޒީރު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ސެންޓްރަލް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.