"ޖީ 16 ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސް" ގެ 36 ވަނަ ބައްދަލުވުން ވަޒީރު ޝިޔާމް އިފްތިތާހް ކޮށްދެއްވައިފި

ވަޒީރު ޝިޔާމް

ކޮންމެ ޤައުމަކަށް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅޭނެ

އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތައް ގުޅިގެން އެކުލަވާލެވިފައިވާ "ޖީ 16 – ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސް" ގެ 36 ވަނަ ބައްދަލުވުން ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ޖީ 16 ގެ މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އިންޑިއާ ކަނޑުން އެކި ޤައުމުތަކަށް ކަނޑުމަސް ބޭނޭނެ މަތީ މިންވަރު ކަނޑައެޅުމާއި ބެހޭ ގޮތުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އަށް ހުށަހަޅާފައިވާ ގަރާރާއިމެދު މިގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވުމަކަށް އައުމެވެ. ޖީ 16 ގެ މި ބައްދަލުވުމުގައި މި ގަރާރާއިމެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އަންނަ އަހަރުގެ އައި.އޯ.ޓީ.ސީގެ އަހަރީ ބައްދަލުވުމުގައި މި ގަރާރު ފާސްކުރުމަށް ހުށަހެޅޭނެއެވެ. ދެދުވަހުގެ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކޮމޮރޮސް، އީރާން، ކެންޔާ، މެލޭޝިއާ، މޮޒަމްބީކް، ސްރީ ލަންކާ، ސައުތް އެފްރިކާ، ޓެންޒޭނިއާ އަދި ތައިލެންޑް ގެ މަސްވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެއެވެ. އަދި މީގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި ވަރލްޑް ވައިޑް ފަންޑް ފޮރ ނޭޗަރ (ޑަބްލިއު.ޑަބްލިއު.އެފް)، ސަސްޓެއިނަބްލް ފިޝަރީޒް އެންޑް ކޮމިއުނިޓީސް ޓްރަސްޓް (އެސްފެކްޓް) އަދި ސައުތް ވެސްޓް އިންޑިއަން އޯޝަން ޓޫނާ ގެ ފަރާތުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުން ހުޅުވާދެއްވުމުގެ ގޮތުން ވަޒީރު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޤައުމަކަށް ދިވެހިރާއްޖެ ވާއިރު، ކޮންމެ ޤައުމަކަށް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، މަސްވެރިކަމުން ވަޒީފާގެ ފުރުޞަތުތައް ހުރި މިންވަރަށާއި، މަސްވެރި އާއިލާތަކަށް ކުރާ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އިންޑިއާ ކަނޑުގެ ކަނޑުމަހާއި ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް އައި.އޯ.ޓީ.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބޭނޭނެ މިންވަރުތަކެއް ކަނޑައުޅުމަށް އަލޮކޭޝަން ރެޖީމެއް ކަނޑައެޅުމަށް މަޝްވަރާކުރާތާ މިހާރު ވަނީ 14 އަހަރުވަނީ ވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.