މާލީ ވަޒީރު ޑރ. ޝަފީގު މަޖިލީހުގެ ކޮމިޓީގައި
ފައިސާ ޕްރިންޓް ކުރުމުގެ ސަބަބުން ރާއްޖޭގައި ދައުރު ވަމުން ދިޔަ ދިވެހި ރުފިޔާ އިތުރުވި ކަމަށާއި ދައުރުވަމުން ދިޔަ ޑޮލަރުގެ އަދަދު އިތުރެއް ނުވާކަމަށް މާލީ ވަޒީރު ވިދާޅުވި
ބީއެމްއެލްއިން މިއަދު ކާޑުތަކުގެ ލިމިޓަށް ފުރަތަމަ ގެނައި ބަދަލަކީ ސަރުކާރާއި މަޝްވަރާ ނުކޮށް ނިންމި ނިންމުމެއްކަން ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އިޤްތިސާދީ ވަޒީރު މުޙައްމަދު ސައީދު، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގް އަދި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން ވަނީ ބީއެމްއެލްއިން މިއަދު ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ގޮތަށް ބަދަލުތަކެއް ގެނައީ ސަރުކާރާއި މަޝްވަރާކުރުމެއްނެތި ކަމަށް ވިދާޅުވިއެވެ. އަދި ބީއެމްއެލްއާއެކު ބޭއްވުނު މަޝްވަރާތަކުގައި އެއްވެސް ވަރަކަށް މި ބަދަލު ގެނައުމުގެ އެއްވެސް އިޝާރާތެއް ކޮށްފައިވާ ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ބަދަލު އަނބުރާ ގެންދިޔައީ ރައީސް ޑރ. މުޢިއްޒު ބޭންކާއި މަޝްވަރާތަކެއް ކުރެއްވުމަށްފަހުގައި ކަމަށެވެ.
ފައިސާ ޕްރިންޓް ކުރުމުގެ ސަބަބުން ރާއްޖޭގައި ދައުރު ވަމުން ދިޔަ ދިވެހި ރުފިޔާ އިތުރުވި ކަމަށާއި ދައުރުވަމުން ދިޔަ ޑޮލަރުގެ އަދަދު އިތުރެއް ނުވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގް ވިދާޅުވިއެވެ. އަދި ރައްޔިތުން ދިޔައީ ޑޮލަރު އިތުރަށް ބޭނުން ކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހެދުމަށް ޤާނޫނާއި ޤަވާއިދުތަށް ބަދަލުކުރަން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވިއެވެ. މީގެ ތެރޭގައި މީރާ އަށް ދައްކާ ޓެކްސް ފައިސާ ޑޮލަރުން ދެއްކުން އަދި ދައުލަތަށް ދައްކަންޖެހޭ ޕެންޝަން ފައިސާވެސް ޑޮލަރުން ދެއްކުން ހިމެނެއެވެ. މި ބަދަލުތަށް ގެނައުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި މަސައްކަތް ނިންމާލައި ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން ހުށައަޅާނެ ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ކޮމެންޓް