ގައުމީ ލޭ ދައުރުވާހައި ހިނދަކު، މިނިވަންކަމަށް އިރުއޮއްސުމެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ .މުހައްމަދު މުއިއްޒު

ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހިންގެ މިނިވަންކަމަށް އިރުއޮއްސުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް ކަަމަށެވެ.

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެކި ޒަމާނާއި އެކި ހާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުންދާ ދިއުމުގައި ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ސިފައިން އަމިއްލަ ނަފުސާއި އާއިލާތަކަށްވުރެ އަބަދުވެސް އިސްކުރަނީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމަށެވެ. އަދި ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ތަހުނިޔާގެ ޕޯސްޓެއްވެސް އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރައްވާފައެވެ.

ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުންކަމަށާއި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ ދިވެހި ސިފައިންގެ ޖޯޝާއި ގުރުބާނީއާއި ނުގުޑާ އަޒުމުން ކަމުގައި އެމަނިކުފާނުގެ ޕޯސްޓުގައި

ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.