ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ޕީޖީ ޝަމީމް

ޝަމީމް މަގާމުން ވަކިކުރަން ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އަލްއުސްތާޛު ޙުސައިން ޝަމީމް ވަކިކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ ޝަމީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ޝަމީމް ހާޒިރުކޮށް ސުވާލު ކުރުމަށްފަހުއެވެ. މިއަދު ކުރިޔަށް ގެންދިޔަ ޖުޑިޝަރީ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ޝަމީމް މަގާމުން ވަކިކުރަން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށައެޅުއްވީ ޤާނޫނާއި ހިލާފްވެވަޑައިގެންފައި ކަމަށް ވާތީއެވެ. ޝާހިދުވަނީ ވަކި މައްސަލަތަކެއް ވެސް ފާހަގަކުރައްވައިފައެވެ. އެއީ:

  • ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން

  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން

  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން

  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން

  • ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން

  • އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން

  • ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން

  • ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން

ޝަމީމް މަޤާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފައިވާއިރު ޝަމީމް ޕީޖީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 8 ޑިސެމްބަރު 2019 ގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.