ރައީސް ޑރ. މުޢިއްޒު ވާހަކފުޅު ދައްކަވަނީ
އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށް ވިދާޅުވި
މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ދިނުން ހަނިކުރެވޭ ގޮތަށް އޮންނަ ގަވާއިދުތައް އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދައި، އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ!" ރައީސް ވިދާޅުވިއެވެ.
ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލި މީހަކު މޫނު ބުރުގާ އަޅާތީ ވަޒީފާ ނުދޭން ނިންމި ކަމަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ވަނީ އޭނާ ކުރިމަތިލީ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމަށް ކަމަށެވެ. އަދި އިންޓަވިއުއާއި ޕްރެކްޓިކަލް ނިމުނު ފަހުން ކޯޓުން އޭނާ މޫނު ބުރުގާ އަޅާތީ ވަޒީފާ ދެވެން ނެތް ކަމަށް އީމެއިލްގެ ޒަރިއްޔާއިން ބުނެފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައިވާތީ، މޫނު ބުރުގާ އަޅާނަމަ ރެކްރޫޓްމެންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އަންގައިފައިވާކަށް ހިއްސާކޮއްފައިވާ ސްކްރީންޝޮޓްގައި ވެއެވެ.
ކޮމެންޓް