މަންކީޕޮކްސްގެ ހާލަތު ދެނެގަނެ ބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް އެޗްޕީއޭ އިން ވާން ފަށައިފި

މަކުނުވިދުރި ޖެހިފައިވާ މީހެއް

އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަނޑައަޅާފަ

މަކުނުވިދުރި ނުވަތަ މަންކީޕޮކްސްގެ ހާލަތު ދެނެގަނެ ބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވާން ފަށައިފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނިޓާކޮށް، ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ކޮންޓްރޯލް ކުރުމާއި ބައްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންނެވެ. އަދި އެ ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކޮށް، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެމްޕޮކްސްގައި އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން އަދި ހަމުގައި ބިހިނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވެ އެވެ. ނަމަވެސް ބަލީގެ ހާލަތަށް ބަލައި ހޮސްޕިޓަލުން ފަރުވާދޭން ޖެހޭ ހާލަތަށް ދެ އެވެ.

މި ބައްޔަށް ހާއްސަ ފަރުވާއެއް ހޯދިފައި ނުވާއިރު، މިހާރު ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައި ފޯރުކޮށްދެނީ ސަޕޯޓިވް ފަރުވާއެކެވެ.

އެފްރިކާ ސަރަހައްދުން ފެނުނު އަދި ގައިން ގަޔަށް އަރާ އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަނޑައަޅާފައެވެ. މިހާރު އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ވަނީ ފެނިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.