މާލެ މަގުމަތި
ބަދަލު ގެނައުމުން މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ފާހަގަކުރެވޭ ލުޔެއް ލިބޭނެކަމަށް އުންމީދުކުރެވޭ
މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ލުޔެއް ހޯދުމުގެ މަޤްޞަދުގައި، ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަދަލު ގެނައުމަށް މާލެފަހި ޕްރޮގްރާމްގެ ދަށުން ނިންމައިފިއެވެ.
މާލެފަހި ޕްރޮގްރާމްގައި ވާގޮތުން ކަނޑައެޅޭ ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމުގެ ގަޑިތައް ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކުރުމަށް ވާނީ ނިންމާފައެވެ. މި ގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ މި ބަދަލަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް މިވަގުތު ގެންނަން ޖެހިފައިވާ މުހިންމު ބަދަލެއް ކަމަށް ވާތީއެވެ.
މި ބަދަލު ގެނައުމުން މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ފާހަގަކުރެވޭ ލުޔެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ. ދުވާލުގެ ވަގުތުތަކުގައި މަގުމަތީގައި ދުއްވާ ބޮޑެތި އުޅަނދުފަހަރުގެ އަދަދު މަދުވުމުން، އާންމު ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ހިނގާބިނގާވެ ދަތުރުފަތުރު ކުރެވޭނެއެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް ޑިވެލޮޕްމެންޓާއި، ކަމާ ގުޅުންހުރި އެހެނިހެން ސަރުކާރުގެ އިދާރާތަކާ ގުޅިގެންކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި ބަދަލު ގެނައުމުގެ ކުރިން ހުރިހާ ފަރާތްތަކާ މަޝްވަރާކުރެވޭނެއެވެ.
ކޮމެންޓް