ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ނުގެ މަސްވެރިކަން ހުއްދަކުރުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލި
ރާއްޖޭގައި ބޮޑު ކަންނެލި ހިފަން ލޭނު މަސްވެރިކަން ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މިއަދު ބޭރު ކޮށްލައިފިއެވެ.
މި މައްސަލަ ހުށައަޅައިފައިވަނީ ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރަން ހުއްދަ ދިނުމާ ގުޅޭ ގަވާއިދެއް ފިޝަރީސް މިނިސްޓްރީން ހަދައި، އެ ގަވާއިދަށް ޚިޔާލު ހޯދަން ހުޅުވާލުމުންނެވެ. އެ ގަވާއިދުގައި ވަނީ ލޭނު މަސްވެރިކަމުގައި މަރުވާ މިޔަރުތައް ޕްރޮސެސްކޮށް ރާއްޖެއިން ބޭރުކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރަން ނިންމައިފައެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ. މައުރޫފް ޒާކިރު ވަނީ ލޭނުގެ މަސްވެރިކަން ހުއްދަކުރުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.
"މިއީ ދިވެހިރާއްޖޭގައި މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމުގެ މަޤްސަދުގައި ކަމަށް ބުނެ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމަށް ވަޒިރުންގެ މަޖިލީހުން ނިންމި ކަމަށް 15 އޮގަސްޓު 2024 ވަނަ ދުވަހު އާންމުކޮށްފައިވާ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުން ބަދަލުކުރުމަށް ގޮޮވާލާ ހުށަހަޅާ ކުއްލި މައްސަލައެއް." މައުރޫފް ޒާކިރު ވިދާޅުވިއެވެ.
މައުރޫފް ޒާކިރު ވިދާޅުވީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން އާޚިރުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދިވެހިން ތިބެން ޖެހޭނީ މަހަށް ހަމަ އަގު ނުލިބި ކަމަށެވެ. އެންމެ ބޮޑު ނުރައްކަލެއް އޮތީ ކަނޑުގެ ދިރުންތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި ސަރުކާރަށް ނިސްބަތްވާ 47 މެންބަރުން ވަނީ މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވާފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ނުދޭން އެއް މެންބަރަކު ވޯޓުދެއްވާފައިވެއެވެ.
ކޮމެންޓް