ސެންޓްރަލް ޖަލުގެ މަސައްކަތް ބާރަށް ކުރިއަށް

ކުރަނގި ފޭސް 2 ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު އަލީ އިހުސާން ވާހަކަފުޅު ދައްކަވަނީ

އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުން

ސެންޓްރަލް ޖަލުގެ މަސައްކަތުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ އެތަނަށް ބޭނުންވާ ޓެކްނިކަލް ކުރެހުމުގެ މަސައްކަތްތައް ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިނގަމުން އަންނަ ޖަލުތައް އެއްކޮށްލާ، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުމެވެ.

ސަރުކާރުން ވަނީ އުތުރު ތިލަފަޅު މިކަމަށް ހަމަޖައްސާފައެވެ.

އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުންނެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިއަސް ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާއެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ސެންޓްރަލް ޖަލު ކުރެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އަލަށް ހަދާ މައި ޖަލުގައި މެންޓަލް ކެއާ ފެސިލިޓީ ހުންނާނެއެވެ.

މި މަސައްކަތުގެ ޢަމާޒަކަށްވަނީ ޖަލުން ނިކުންނަ ކޮންމެ މީހަކީވެސް އެކަށީގެންވާ ފަރުވާގެ ނިޒާމުގެ ތެރެއިން މުޖުތަމަޢަށް ނިކުންނަ މީހެއްކަން ކަށަވަރުކުރުމެވެ.

ޖަލުތައް ހިންގުމުގެ ނިޒާމު މިހާރު އޮތްގޮތުން އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، އެކަށީގެންވާ ޚިދުމަތެއް ދިނުމަށްވެސް ހުރަހަކަށްވާ ކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިވަގުތު ޖަލުތަކުގައި ގައިދީއެއްގެ ބޮލަކަށް މަހަކު 21000 އާއި 30000އާ ދެމެދުގެ އަދަދެއް ޚަރަދުވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި މައްސަލަތައް ޙައްލުކޮށް، ރިހެބިލިޓޭޝަން ޚިދުމަތްތަކާއެކު ޖަލުތައް ހިންގޭނެ އެންމެ އެކަށީގެންވާ ގޮތެއްގެ ގޮތުގައި ސަރުކާރުން ދެކެނީ، ސެންޓްރަލް މައި ޖަލެއް ޤާއިމުކޮށް ޚިދުމަތް ދިނުމަށެވެ.

މިގޮތަށް ޖަލެއް ހެދިނަމަވެސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެއެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުށް މަދު މުޖުތަމަޢެއް ބިނާކުރުމެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.