އެމްއެމްޕީއާރްސީ މައްސަލާގައި ޕީޖީގެ އެންގެވުންތަކަށް ރައީސް މަރުޙަބާ ކިޔުއްވައިފި

ރައީސް ޑރ. މުހައްމަދު މުއިޒް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލުކޮށް، އަލުން ތަޙުޤީޤު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަވާފައިވާ އެންގެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ކިޔުއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިޔާޒުތަކެއް ދީ، އެ ފަރާތްތަކުގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލުކޮށް، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަޙުޤީޤުކޮށް ޕީޖީ އޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަވާފައިވާތީ އެކަމަށް މަރުޙަބާ ކިޔާ ކަމަށެވެ.

މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، "ޒަމާނުއްސުރެން މި ޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު ޢަމަލުކުރެވިގެން" ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާއިރު، މި މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާ ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވެއެވެ. އަދި މި މައްސަލައިގައި ގިނަ އަދަދެއްގެ ފަރާތްތަކެއް ބައިވެރިވެފައިވާކަމަށްވެސް ތުހުމަތުކުރެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.