މައްސަލަ ހޫނުވުމުން މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވީޑިއޯ ބީޖޭޕީ އިން ޑިލީޓުކޮށްފި

މައްސަލަ ހޫނުވުމުން މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވީޑިއޯ ބީޖޭޕީ އިން ޑިލީޓުކޮށްފި

އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި މިދިޔަ އަންގާރަ ދުވަހު ވޯޓުލެއްވުމަށްފަހު ބޮޑުވަޒީރު މޯދީ އެ ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުންނަށް އިނގިލީގައި ޖަހާފައިވާ ފާހަގަ ދައްކާލައްވަނީ

އިންޑިއާގައި ކުރިއަށް ގެންދާ ބިޔަ އާންމު އިންތިހާބުގައި މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ވެރިކަންކުރާ ބީޖޭޕީ އިން ހެދި ކާޓޫނު ވީޑިއޯއެއްގެ މައްސަލަ ހޫނުވެ، އެ ވީޑިއޯ އެންމެ ފަހުން ޑިލީޓުކޮށްފި އެވެ.

އިންޑިއާގެ އިލެކްޝަންސް ގާނޫނުގައި ވާ ގޮތުން، ދީނީ އަދި ނަސްލީ ގޮތުން ތަފާތުކުރާ ގޮތަށް ނަފްރަތު އުފެދޭ ގޮތަށް ކެމްޕޭނު ކުރުމަކީ މަނާކަމެކެވެ.

ނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ހުންނަވައި، ބީޖޭޕީގެ ކެމްޕޭނުތަކުގައި ބޭނުންކުރާ ބަސްމަގު، ހިންދޫން ރުއްސުމަށް މުސްލިމުންނާ ދެކޮޅަށް ވަނީ އަނބުރާލާފައި އެވެ.

ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، މުސްލިމުންގެ ހައްގުތަކަށް އަރައި އިންޑިއާ "ފަތަހަ" ކުރަން އުޅޭ ކަމާއި، އިދިކޮޅު ފަރާތްތަކާ ގުޅިގެން "ވޯޓު ޖިހާދު" ކުރަން ރާވައި ކަމަށް ވެސް މޯދީ ވަނީ ކެމްޕޭން ތަގުރީރުތަކުގައި ތުހުމަތު ކުރައްވައިފަ އެވެ. މިކަމަށް ހިންދޫން ސަމާލުނުވެއްޖެ ނަމަ މުޅި އިންޑިއާ މުސްލިމުންގެ އަތަށް ބީވެދާނެކަމުގެ އިންޒާރު ވެސް މޯދީ ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.

މި ފަހުން އެކަން އެންމެ ބޮޑަށް ފާހަވަގެފައިވަނީ، ބީޖޭޕީގެ އޮފިޝަލް އެކައުންޓަކުން، އިދިިކޮޅު ފަރާތްތަކުން ހިންދޫންގެ ބަދަލުގައި ސަރުކާރުގެ އެހީ ދޭ އެކި ޕްރޮގްރާމްތައް މުސްލިމުންނަށް ދޭ މަންޒަރު ދައްކުވައިދޭ ކާޓޫނު ވީޑިއޯއެއް އާންމުކުރުމާ އެކު އެވެ.

އެ ވީޑިއޯ އާ މެދު ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެ ވީޑިއޯ ކެމްޕޭނު ކުރުމުގެ ގާނޫނާ ހިލާފު ކަމަށް ބީޖޭޕީ އަށް އަންގައިފަ އެވެ. އޭގެ ފަހުން، ބީޖޭޕީ އިން ވަނީ އެ ވީޑިއޯ ޑިލީޓުކޮށްފަ އެވެ. އެކަމަކު އޭގެ ކުރިން އެތައް މިލިއަން މީހުން ވަނީ އެ ވީޑިއޯ ބަލައިފަ އެވެ.

ކެމްޕޭނު ކުރުމުގެ ނަމުގައި ހިންދޫން ރުއްސަން ބީޖޭޕީ އިން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންނަށް އިތުރު ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބު ކުރަން މީގެ ހަފުތާއެއް ކުރިން އިންތިހާބު ފަށާފައިވާއިރު، ވޯޓުލުން ޖޫން 1 އާ ހަމައަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން ވަނީ 303 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އެކަމަކު ވޯޓުލާން ތިބި މީހުން ޝައުގު ކުޑަކަމުން، ބީޖޭޕީން ބޭނުންވާ އަދަދަށް ގޮނޑި ނުލިބިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.