ފޮރިން މިނިސްޓަރ ޒަމީރު އަދި ޖައިޝަންކަރު
ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށް ޒަމީރު ވިދާޅުވި
އިންޑިއާއެކު ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓީއޭ)އެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަޝްްވަރާ ކުރަން އިންޑިއާގެ ފޮރިން މިނސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރަށް ހުށަހަޅުއްވާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ވެސް ޑރ. ޖައިޝަންކަރަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމާއި އަދި އިގްތިޞާދީ ދާއިރާގެ އެހެނިހެން އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ވިޔަފާރި ފުޅާވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ހަރުކަށި ފިކުރު، މަސްތުވާތަކެތި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ރައްކާތެރިކުރުން ފަދަ ކަންކަމުގައި މިހާރެކޭ އެއްގޮތަށް އެއްބާރުލުން ދަމަހައްޓަން ވެސް ވަނީ އެއްބަސްވެފައި ކަމަށް ޒަމީރު ހާމަކުރެއްވިއެވެ.
ޒަމީރު ވަނީ އިންޑިއާއިން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ދޭ އެހީތަކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެކި ދާއިރާތަކުން މެދުކެނޑުމެއް ނެތި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓް