ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ އިސްލާހެއްނަމަ ވޯޓަށް ދާން ފާސްކޮށްފި

މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން

ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނަމުންދާއިރު، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާއެއް އިސްލާހު ކުރާނަމަ އެކަމަށް ރައްޔިތުންގެ ރުހުން ހޯދަން ވޯޓަކަށް ދާންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ބައެއް ކަންކަމުގައި ގާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހެއް ގެންނަން ފާސްކުރާ ބިލްތައް ތަސްދީގު ކުރެވޭނީ ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެ ކަންކަމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމެނޭ ބާބަށް ބަދަލު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެނައުން އަދި ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ބަދަލު ގެނައުމެވެ.

78 މެންބަރުންގެ ވޯޓުން މި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް ކަންކަމުގައި ރައްޔިތުންގެ ރުހުން ހޯދަން ވޯޓަކަށް ދާން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ކަމުގައިވީ ނަމަވެސް، މިހާރު ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށާއި، ދައުރު ނިމޭ ދުވަސް ނޮވެމްބަރު 11 އަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގަސްތުކުރައްވާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.