ޔޫޕީއައި އެމްއޯޔޫގައި ސޮއިކުރަނީ
ޔޫޕީއައިގެ ތެރެއިން ދުނިޔޭގެ 40 ޕަސެންޓް ރިއަލްޓައިމް ޕޭމަންޓުތައް ހިނގަނީ އިންޑިއާގައި ކަމަށް ޖައިޝަންކަރު ވިދާޅުވި
ރާއްޖޭގައި އިންޑިއާގެ އިންސްޓަންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ދިނުމަށް ޓަކައި އެ ކަމަށް ޚާއްސަ އެމްއޯޔޫއެއްގައި ރޭގައި ސޮއިކޮށްފިއެވެ.
އެ ރަސްމިއްޔާތުގައި ޔޫޕީއައިގެ ޚިދުމަތް ފެށުމަށް ސޮއިކޮށްފައިވަނީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއި އިންޑިއާގެ ނެޗުރަލް ޕޭމެންޓް ކޯޕަރޭޝަނާ ދެމެދުގައެެވެ.
އެކަމާ ގުޅުވައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ ޔޫޕީއައި ސިސްޓަމުގެ ތެރެއިން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައިވާކަމަށެވެ.
އެގޮތުން، ޔޫޕީއައިގެ ތެރެއިން ދުނިޔޭގެ 40 ޕަސެންޓް ރިއަލްޓައިމް ޕޭމަންޓުތައް ހިނގަނީ އިންޑިއާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާއި އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. މީގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަން ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް