ވަޒީރު އާދަމް ޝަރީފް ޢުމަރު
ރައީސް އާއެކު މަސައްކަތްކުރައްވަން ހުރިހާ ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށްވެސް ފަސޭހަ ކަމަށް ވެސް ވިދާޅުވި
ޤައުމު ތަރައްޤީ ކުރުމުގައި މީހުން ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީ އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި ސަރުކާރުގެ 8 މަސްދުވަސް ތެރޭގައި 1200 އަށްވުރެ ގިނަ ޒުވާނުންނަށް ކިޔެވުމުގު ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިކަމުންވެސް އެނގިގެންދަނީ އިގްތިސާދީގޮތުން ބޮޑު ދަރަންޏެއް ދައްކަންޖެހިފައި އޮތް މިދަނޑިވަޅުގައިވެސް މީހުން ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"މިދެންނެވި 1200 (ފުރުސަތު) ގެ އިތުރުން 200 ކުދިންނަށް ސްކޮލަރޝިޕްގެ ފުރުސަތު ހަމަޖައްސައިދީފައިވޭ. ރާއްޖޭގައި ދިރާސާކުރުމުގެ ސަގާފަތެއް އުފެއްދުމަށްޓަކައި އެކަމަށްޓަކައި ބޭނުންވާ އިންތިޒާމްތައް އެބަ ހަމަޖައްސަވައިދެއްވާ" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ ރައީސް ޑރ. މުޢިއްޒު އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް މުޢިއްޒުއަށްވުރެ "ކޫލް ޕްރެޒިޑެންޓެއް" މިހާތަނަށް ދެކިވަޑައިނުގަންނަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަރުގެ ސާދާ ސީދާ އަދި އެހާ ކޫލް ޕްރެސިޑެންޓެއް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ރައީސާކު މަސައްކަތް ކުރަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
ސަބަބަކަށް އާދަމް ޝަރީފް ވިދާޅުވީ ރައީސް އަކީ މަޝްވަރާއަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށާއި އަމިއްލަފުޅަށް ނިންމެވޭވަރުގެ ކަންކަން ވެސް ވަޒީރުންގެ މަޖިލީހާއި ޕާޓީގެ ލީޑާޝިޕާއި އަދި އާންމު މެންބަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ނޫނީ ނުނިންމަވާ ކަމަށެވެ. އަދި ރައީސް އާއެކު މަސައްކަތްކުރައްވަން ހުރިހާ ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށްވެސް ފަސޭހަ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް