އެޗްއާރުސީއެމްގެ މެންބަރު ކަމަށް ހަބީބް އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފި

ހަބީބް

ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ހަބީބަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޙަބީބުގެ އިންޓަވިއު މަރުޙަލާގައި ކޮމިޓީގައި ޙަބީބު ވިދާޅުވެފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާމެދު ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެޗްއާރުސީއެމުން މަސައްކަތްކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރަށްވާނެ ކަމަށް ޙަބީބް ވިދާޅުވެފައިވެއެވެ.

އެޗްއާރްސީއެމްގެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީގެ މެންބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހަށެވެ. ހަބީބް ވަނީ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.