ސެންޓްރަލް މައި ޖަލު އިމާރާތްކުރަނީ އުތުރު ތިލަފަޅުގަ!

ކުރަނގި ފޭސް 2 ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު އަލީ އިހުސާން ވާހަކަފުޅު ދައްކަވަނީ

ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުންނެ

ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މާފުށީ ޖަލާއި ހިންމަފުށި އަދި ހުޅުމާލެ ޖަލު އުވާލައި މައި އެއް ޖަލު ހެދުން ކަމަށާއި އެތަން ގާއިމްކުރަން، ސިފައިންގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު ހަމަޖައްސާފައިވާ ކަމަށެވެ.

"ސެންޓްރަލް ޕްރިޒަން އުތުރު ތިލަފަޅުގެ ކޮޅުގައި އަޅަން ހުއްދަ ލިބި، އެ ތަނަށް މިހާރު ބިން ހިއްކުމުގެ މަސައްކަތް ފަށަން އެ އުޅެނީ. ފައްޓާ ނިމުނީމަ އެއް ޖަލަށް ބަދަލުކޮށް، އެ ޖަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާއިރު ސްޓެންޑާޑް ޖަލެއް ގޮތަށް ހަދާފައި މި ދަންނަވާ ކަންކަން ނުހިނގާ ވަރުގެ ސެކިއުރިޓީ ފީޗާސްތައް ލާފައި އެ ޖަލު ހަދާނީ" މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުންނެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިއަސް ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާއެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރަންޖެހޭކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސެންޓްރަލް ޖަލު ކުރެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އަލަށް ހަދާ މައި ޖަލުގައި މެންޓަލް ކެއާ ފެސިލިޓީ ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެންޓްރަލް ޖަލު އިމާރާތްކޮށް އެތަނަށް ކުށްވެރިން ބަދަލުކުރެވުމުން، ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ކޮންޓްރޯލްވެގެންދާނެއެވެ.

ވަޒީރު ވިދާޅުވީ މިހާރު ހުރި ޖޭމަރުތައް ޖައްސައިފި ނަމަ ސެލް ޓަވަރުތައް އެއްކޮށް ބްލޮކްވާ ކަމަށެވެ. އޭގެ އުނދަގޫ އާއްމުންނަށް ވެސް ފޯރާތީ ޓާގެޓްކުރާ ވަކިތަނެއް ޖޭމް ކުރެވޭނެ ގޮތެއް ހޯދަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.