ރޮކެޓް ހަަމަލާ އަމާޒުވި ގޯލާންގެ ފުޓްބޯޅަ ދަނޑު
އިސްރާއީލުން ހިފައިފައިވާ ގޯލާންގެ އުސް ބިންތަކުގެ ސަރަހައްދުގައި އޮތް ފުޓްބޯޅަ ދަނޑަކަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލުގެ 12 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.
އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާ ދީފައިވަނީ އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲއިންނެވެ. ނަމަވެސް، ހިޒްބުﷲއިން ވަނީ އެކަން ދޮގުކޮށްފައެވެ.
އެ ހަމަލާދިން ވަގުތު އެ ތަނުގައި ކުޑަކުދިން ތިބި ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ގޯލާނަށް 100 އަށްވުރެ ގިނަ މިސައިލް އަމާޒުކުރިއެވެ.
އިސްރާއީލަށް އަމާޒުކޮށް ދިން އެ ހަމަލާ އެމެރިކާއިން ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލަށް އަމާޒުކޮށް އެތައް ހަމަލާތަކެއް ދެމުން އަންނައިރު، އިސްރާއީލަށް އެހީތެރިވުމުގައި އެމެރިކާއިން އަބަދު ވެސް އޮންނާނެ ކަމަށެވެ.
އެ ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށް ބައެއް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް، އަދި ހަމަލާއާ ގުޅިގެން އިސްރާއީލުން އަމަލުކުރަން ނިންމާފައިވާ ގޮތެއް ސާފެއްނޫނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދޭން ފެށިފަހުން ހިޒްބުاللهއާއި އިސްރާއީލުން ވެސް އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.
ކޮމެންޓް