ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ރަނިލްއާ ވާދަކުރައްވާނެ ކެންޑިޑޭޓުންނަކީ

ރައީސް ރަނިލް ވިކްރަމަސިންހަ --

އަންނަ ސެޕްޓެމްބަރު މަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ރަނިލް ވިކްރަމަސިންހަ ރަސްމީ ސިފައެއްގައި އިޢުލާނު ކުރައްވައިފިއެވެ.

ސްރީލަންކާގެ މީޑިއާ ބުނާގޮތުން ރައީސް ރަނިލް އިއްޔެވަނީ ކެންޑިޑޭންސީ އިއުލާނުކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ފައިސާގެ ޑިޕޮސިޓްވެސް އިންތިޚާބާބެހޭ ކޮމިޝަންގައި ބަހައްޓަވާފައެވެ.

އިލެކްޝަންސް ކޮމިޝަން އޮފް ސްރީލަންކާއިން އިއުލާނު ކޮށްފައިވާގޮތުގައި ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބުގައި ރަނިލް އާ ވާދަކުރާނީ ކޮންފަރާތްތަކެއްކަން އަދި ކަށަވަރެއްނުވެއެވެ. ނަމަވެސް ސްރީލަންކާގެ އިދިކޮޅު ލީޑަރުގެ ގޮތުގައި މިހާރު ބެލެވޭ ސަޖިތު ޕްރޭމަދާސާ މި އިންތިޚާބުގައި ރަނިލްއާ ވާދަކުރައްވާނެކަމަށް ވަނީ ބެލެވިފައެވެ. އޭނާގެ ކެންޑިޑޭންސީ އަދި އިއުލާނެއް ނުކުރެއެވެ.

އުމުރުން 57 އަހަރުގެ ސަޖިތު ޕްރޭމަދާސާ އަކީ ސްރީލަންކާގައި އަވަހާރަކޮށްލި ކުރީގެ ރައީސެއްކަމަށްވާ ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވަނީ ސްރީލަންކާގެ މިހާރުގެ އިދިކޮޅު ޕާޓީކަމަށްވާ ސަމަގި ޖަނަބަލަވޭގެ (އެސްޖޭބީ) ޕާޓީއަށެވެ.

ރައީސް ރަނިލް ވިކްރަމަސިންހަ އަކީ ސްރީލަންކާގެ ބޮޑުވަޒީރުކަން ހަ ފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަކީ އެންމެފަހުން ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ނެތިގެން ގޮނޑިއެއްވެސް ކާމިޔާބު ނުވި ބޭފުޅެކެވެ.

އުމުރުން 75 އަހަރުގެ ރަނިލްއަށް ސްރީލަންކާގެ ރައީސްކަން ލިބިވަޑައިގަތީ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އިނދަޖެހި ގައުމު އިފްލާސް ވުމާއެކު ރައްޔިތުން އޭނާގެ ވެރިކަން ވައްޓާލުމަށްޓަކައި މަގުތަކަށް ނުކުމެ އުތުރުއެރުމާއެކު 2022 ވަނަ އަހަރުގެ ޖުލައިމަހު ގޮތަބަޔަ ގައުމުން ބޭރަށް ފިއްލަވައި އޭގެފަހުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް ކަމުގެ މަގާމު ހުސްވުމުން އެމަގާމަށް ރަނިލް އިންތިޚާބުކުރީ ސްރީލަންކާގެ ޕާލަމެންޓުންނެވެ. ރަނިލްގެ ޕާޓީކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ޕާލަމެންޓްގައި ލިބިފައިވަނީ އެންމެ ގޮނޑިއެއްކަމުން ރަނިލް ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރީ ގޮތަބަޔަގެ ޕާޓީ ކަމަށްވާ ސްރީލަންކާ ޕުދުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ފުރިހަމަ ތާއީދާއެކުގައެވެ.

ސްރީލަންކާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތީ އެސްއެލްޕީޕީ އަށެވެ. އެހެންކަމުން ގޮތަބަޔަ އިސްތިއުފާ ދެއްވުމުން ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތުގައި ޕާލަމެންޓުގެ ތެރެއިން ނެގި ވޯޓަކުން އިންތިޚާބުވެގެން ރައީސްކަމަށް ވަޑައިގެންނެވުނު ނަމަވެސް ސްރީލަންކާގެ ހާލަތު މިހާރު އޮތީ 2022 ވަނަ އަހަރު އޮތް ގޮތަކަށްނޫނެވެ.

މިހާރު ރައީސްކަމަށް އިންތިޚާބު ވެވޭނީ ރައްޔިތުންގެ ވޯޓަކުންނެވެ. ރައްޔިތުންގެ އަޣްލަބިއްޔަތު ވޯޓު ހޯދުމަކީ ފަސޭހަ ކަމެއްނޫނެވެ.

ސްރީލަންކާގެ ޕާލަމެންޓްގައި ރަނިލްގެ ޕާޓީގެ އެންމެ މެންބަރަކު ނޫނީ ނެތިފައި އޭނާގެ ޕާޓީއަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއްނެތް ޕާޓީއަކަށްވާތީ އާއި ރަނިލްއަކީ އުމުރުން ދުވަސްވެފައިވާ ބޭފުޅަކަށްވާތީ ރިޔާސީ ރޭހުގައި ޕްރަމަދާސާފަދަ ޒުވާން ބޭފުޅުންނާ ވާދަކުރެއްވުމުގައި ރަނިލްއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާނެކަމަށް ސްރީލަންކާގެ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

ރިޔާސީ އިންތިޚާބުގައި ރަނިލް އާ ވާދަކުރައްވާނެކަމަށް ބެލެވޭ އަނެއް ކެންޑިޑޭޓަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރާ ކުމާރަ ދިސަނަޔަކައެވެ. ދިސަނަޔަކައަކީ ސްރީލަންކާގެ ޕާލަމެންޓްގެ މިހާރުގެ ރައީސް އެވެ. އުމުރުން 55 އަހަރުގެ ޒުވާން ދިސަނަޔަކައަކީވެސް ރިޔާސީ އިންތިޚާބުގައި ރަނިލްއަށް ކުރިމަތިވެވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމެއްކަމަށް ސްރީލަންކާގެ ނޫސްތައް ބުނެއެވެ.

ނަމަވެސް ގޮތަބަޔަގެ ވެރިކަމުގައި ސްރީލަންކާ ވެއްޓުނު އިގްތިސާދީ އަނދަވަޅުން އެގައުމު ސަލާމަތް ކުރެއްވި ބޭފުޅަކީ ރަނިލްކަމަށްވާތީ އެއީ ކޭންޕޭންގައި ރަނިލްއަށް ލިބިވަޑައިގަންނަވާނެ ބޮޑު ކްރެޑިޓެއްކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ގާތްގަނޑަކަށް 22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މީހުންނަށް ވޯޓުލުމުގެ ހައްގު 17 މިލިޔަން މީހުންނަށް ލިބިގެންވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.