އެމެރިކާގައި އިސްރާއީލާ ދެކޮޅަށް އާންމުން މުޒާހަރާ ކުރަނީ
ވޮޝިންޓަން (27 ޖުލައި 2024)
އެމެރިކާގެ ސަރުކާރުތަކުން ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން އެމެރިކާގެ ތަރައްގީއާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްވުރެ ބޮޑަށް ޚަރަދު ކުރަނީ ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމައާއި ތަޅާފޮޅުމުގެ އަމަލުތަކަށް ކަމަށްބުނެ މިކަން ބަދަލުކުރަން އެދި އެމެރިކާގެ މަދަނީ ޖަމްއިއްޔާތަކުން ރައީސް ޖޯ ބައިޑެންއަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމެރިކާގެ 40 އަށް ވުރެގިނަ މަދަނީ ޖަމްއިއްޔާ ގުޅިގެން ރައީސް ޖޯ ބައިޑެންއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ބޭރުގައުމުތަކުގައި ހިނގާ ހަނގުރާމައާއި ތަޅާފޮޅުމުގެ އަމަލުތަކަށް އެމެރިކާ ސަރުކާރުން ދޭ ހަތިޔާރުގެ ޝިޕްމަންޓްތަކުން ފައިދާކުރަނީ ހަތިޔާރު އުފައްދާ ޕްރައިވެޓް ކުންފުނިތަކަށް ކަމަށާއި އެކަމުން މުއްސަނދިވަނީ އެކުންފުނިތަކާއި އެކުންފުނިތަކާ ގުޅިފައިވާ މަހުޖަނުން ކަމުގައެވެ.
މިކަމުގެ ސަބަބުން މުއްސަނދިން އިތުރަށް މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވަމުންދާކަން މިސިޓީގައި ބަޔާންކޮށްފައި ވެއެވެ. އެމެރިކާއިން ހަތިޔާރު ހިލޭދޭ ގައުމުތަކުގެ ތެރޭގައި ޔުކްރެއިން އާއި އިސްރާއީލު ހިމެނެއެވެ. މިހަތިޔާރު ދެނީ އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަތިޔާރު ގަނެގެންނެވެ.
ހަތިޔާރު ގަންނަނީ އެމެރިކާގައި ހަތިޔާރު އުފައްދާ ޕްރައިވެޓް ކުންފުނިތަކުންނެވެ. މީގެތެރޭގައި ހިމެނޭ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ލޮކްހީޑް މާޓިން، ބޮއިންގް، ޖެނެރަލް ޑައިނަމިކްސް، ރޭތިއޮން، ޖެނެރަލް އިލެކްޓްރިކް، ހަނީވެލް، ޔުނައިޓެޑް ޓެކްނޮލޮޖީސް ކޯޕަރޭޝަން އަދި ނޯތްރޮޕް ގްރޫމެން ފަދަ އެތައް ކުންފުންޏެއް ހިމެނެއެވެ.
މިގޮތަށް ބޭރުގައުމުތަކުގައި ހިނގާ ހަނގުރާމައާއި ތަޅާފޮޅުމުގެ އަމަލުތަކަށް ހަތިޔާރު ދިނުމަށްޓަކައި އެމެރިކާ ސަރުކާރުން މިކުންފުނިތަކުން އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ގަނެއެވެ. މިއާއެކު އެކުންފުނިތައް އިންތިހާއަށް މުއްސަނދިވަމުންދާއިރު މިއިން އެއްވެސް މަންފާއެއް އާންމު ރައްޔިތުންނަކަށް ނުލިބޭކަން މި ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން މިގޮތަށް ބޭރުގައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމުން އެގެއްލެނީ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ޚަރަދުކުރަން ހުންނަ ފައިސާކަމާއި މިއީ ގަބޫލުކުރެވޭނެ ގޮތެއް ނޫންކަން މިސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެމެރިކާއަކީ ނިކަމެތިންނަށް ދޭ ސިއްހީ ރައްކާތެރިކަމާއި ސަބްސިޑީއާ އަދި އިޖުތިމާއީ ރައްކާތެރިކަން ނުވަތަ ސޯޝަލް ސެކިއުރިޓީގެ ނިޒާމެއްވެސް ނޯންނަ ގައުމެކެވެ. ފާޑުކިޔާ ފަރާތްތައް ބުނާގޮތުން އެމެރިކާގައި އޮންނަ ޑިމޮކްރަސީއަކީ މުއްސަނދިންނާއި ބިޔަ ކުންފުނިތަކުން ކޮންޓްރޯލް ކުރާ ނިޒާމެކެވެ.
ރައްޔިތުންގެ އަތުން ވޯޓު ހޯދުމަށް ސިޔާސީ ފަރާތްތަކަށް ޚަރަދު ކުރަނީ (ސިޔާސީ ކޭންޕޭންތަކަށް ޚަރަދު ކުރަނީ) މި ކުންފުނިތަކުންނާއި ކުންފުނިތަކުގެ މަހުޖަނުންނެވެ.
އެހެންކަމުން މުއްސަނދިންނާއި ކުންފުނިތަކުން ދޭ ފައިސާއިން ކޭންޕޭން ކޮށްގެން ރައްޔިތުންގެ އަތުން ވޯޓުތައް ހޯދުމަށްފަހު ސިޔާސީ މީހުންނަށް ޖެހެނީ ފަރުދާގެ އަނެއް ފަރާތުން އަންނަ މުއްސަނދީން ނުވަތަ މަހުޖަނުންނާ އަދި ކުންފުނިތަކުގެ އެދުންތަކާއި ބޭނުންތަކަށް ދީލާލާށެވެ. އެފަރާތްތަކުންގެ ބޭނުންތަކަށް އިސްކަންދޭށެވެ. ރައްޔިތުންގެ ބޭނުންތައް ފަހަތަށް ޖައްސާލާށެވެ.
މިކަން އެމެރިކާއާއި ޔޫރަޕްގެ ޑިމޮކްރަސީތަކުގައި ބޮޑުކަމުން މިއީ ހުޅަނގުގެ ޑިމޮކްރަސީގެ ކިބަޅި ފަރާތް ނުވަތަ ހުޅަނގުގެ ޑިމޮކްރަސީގެ ބަލިފައިކަމަށް މުފައްކިރުން ވިދާޅުވެއެވެ.
އެމެރިކާގައި ޝާއިޢު ކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާގެ ބޮޑުބައި ސީދާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދު ކުރާނަމަ އެމެރިކާގެ އާންމު ރައްޔިތުން މިހާރަށްވުރެ އެތައް ގުނައެއް މުއްސަނދިވާނެއެވެ. އަދި އެމެރިކާގައި ފަގީރަކު ނުހުންނާނެއެވެ. ނަމަވެސް އެމެރިކާގައި ފަގީރުންގެ ނިސްބަތް 15 އިންސައްތައަށް ވުރެ ބޮޑުކަން ރިޕޯޓްތަކުން ހާމަވެއެވެ.
އެމެރިކާއަކީ ހަގީގަތުގައި ވަރަށް މުއްސަނދި ގައުމެކެވެ. މި މުއްސަނދިކަމާ އަޅާބަލާއިރު އެމެރިކާގެ އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ދަށެވެ. އަނެއްކޮޅުން އެމެރިކާއަކީ ދުނިޔޭގައި ފަގީރުންނާއި މުއްސަނދިންގެ ތަފާތު އެންމެ ބޮޑު ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއްވެސް މެއެވެ.
އެމެރިކާގެ ބައެއް ލިޔުންތެރިން ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާއަކީ މަހުޖަނުންނާއި ކުންފުނިތަކުގެ ޑިމޮކްރަސީއެކެވެ. އާންމުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތްނަމަވެސް އެމެރިކާގައި އޮންނަ ހައްދު ފަހަނަޅާފައިވާ ކެޕިޓަލިސްޓް އިގްތިސާދީ ނިޒާމުގެ ސަބަބުން ދައުލަތުގެ މުއްސަނދިކަމުން އާންމުންނަށް ލިބެނީ ވަރަށް ކުޑަ މިންވަރެކެވެ.
އެމެރިކާގެ 40 އަށް ވުރެގިނަ މަދަނީ ޖަމްއިއްޔާއިން ރައީސް ޖޯ ބައިޑެން އަށް ފޮނުވި ސިޓީގައި އިސްރާއީލަށާއި ޔުކްރެއިން އަށް ހިލޭ ހަތިޔާރު ނުދިނުމަށް އެދިފައިވެއެވެ. އަދި އެކަމަށް ކުރާ ޚަރަދު އެމެރިކާގެ ގިނަ ސްޓޭޓްތަކުގައިވާ ޒަމާންވެ ބައުވެފައިވާ މަދަނީ އިންފްރާސްޓްރަކްޗަރ ޒަމާނާ އެއްގޮތަށް އައުކުރުމަށް ބޭނުންކުރުމަށް އެދިފައިވެއެވެ. އަދި ޚާއްސަކޮށް އިސްރާއީލުން ޣައްޒާގެ އާންމުން މަރައި ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާތީ އިސްރާއީލަށް އެއްވެސް ވަރަކަށް ހަތިޔާރު ފޯރުކޮށްނުދިނުމަށް އެދިފައިވެއެވެ.
އެމެރިކާގެ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ހަތިޔާރެވެ. އެމެރިކާ ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމައާއި ތަޅާފޮޅުންތައް އުފައްދަން މަސައްކަތްކުރަނީ ހަތިޔާރު ވިއްކައިގެން އެމެރިކާއަށް ފައިދާ ލިބޭނީ މިފަދަ މާހައުލެއް ދުނިޔޭގައި ގާއިމްކޮށްގެންކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ކޮމެންޓް