ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް: ޝަމްއާން

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްޢާން

އިމިގްރޭޝަން ޤާނޫނު 2007/1 ގެ 33 ވަނަ މާއްދާގެ ދަށުން ކުށެއް ކުރީ ދިވެހި ރައްޔިތަކުނަމަ އެމީހެއްގެ އަދަބަކީ 50،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭ

ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްްދާ އޮޕަރޭޝަނާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށެވެ. އަދި އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްސަދުތައް ހާސިލުވިއަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާއިމެދު އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ފިޔަވަޅު އެޅޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު 2007/1 ގެ 33 ވަނަ މާއްދާގެ ދަށުން ކުށެއް ކުރީ ދިވެހި ރައްޔިތަކުނަމަ އެމީހެއްގެ އަދަބަކީ 50،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެމީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަށް ލިބިގެންވެއެވެ. ކުށެއް ކުރީ ބިދޭސީއަކު ނަމަ، އެމީހެއްގެ އަދަބަކީ 15،000 ރުފިޔާއާއި 50،000 ރުފިޔާގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެމީހަކަށް ވަކި މުއްދަތަކަށް ރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ އިޚްތިޔާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަށް ލިބިގެންވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދާދި ފަހުން ތަޢާރަފްކޮށްފައިވާ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރައްޔިތުންގެ ދަނީ ގިނަ އަދަދަކަށް ރިޕޯޓުކުރަމުންނެވެ. އިމިގްރޭޝަންގެ މަޤްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާގެ ދަށުން، ކުރިއަށް އޮތް 03 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.