އީރާނުގެ ފުރަތަމަ ރައްދު: އިސްރާއީލަށް 300 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ
އީރާނުން އިސްރާއީލަށް ދިން ފުރަތަމަ ސީދާ ހަމަލާތަކުގައި އެތައް ސަތޭކަ މިސައިލާއި ޑްރޯން އިސްރާއީލުގެ ތެރެއަށް އުދުއްސާލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ދިން މިހަމަލާތަކާއި ގުޅިގެން ތެލްއަވީވް އަދި ހުޅަނގު ގުދުސްގެ ސިޓީތަކުގައި ގޮވުންތަކުގެ އަޑު ހުރިކަމަށް ހަބަރުލިބެއެވެ. އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ އިރާނުން ފޮނުވާލީ 300 އަށްވުރެ ގިނަ "ކިލަރ ޑްރޯން، ބެލެސްޓިކް މިސައިލް އަދި ކުރޫޒް މިސައިލް" ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން 99 އިންސައްތަ، ފްރާންސާއި، އިނގިރޭސިވިލާތް އަދި އެމެރިކާގެ ފޯސްތަކުގެ އެހީތެރިކަމާއެކު ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލުން ބުނީ ހަމަލާތައް އައީ އީރާން، އިރާޤް އަދި ޔަމަނުން ކަމަށެވެ. އަދި އިސްރާއީލުގެ ދެކުނުގައި ކުޑަ އަންހެން ކުއްޖަކަށް އަނިޔާވީ ނާކާމިޔާބުކޮށްލި ޑްރޯނެއްގެ ބަޔަކުން ޖެހިގެން ކަމަށާއި، އޭގެ އިތުރުން ހަމައެކަނި ގެއްލުން ލިބުނީ ކުދި ކުދި ގެއްލުންތަކެއް ލިބުނު ދެކުނުގައިވާ އަސްކަރީ މަރުކަޒަކަށް އެކަނި ކަމަށް އިސްރާއީލުން ބުނެއެވެ.
އީރާންގެ 'އިސްލާމިކް ރިވެލިއުޝަނަރީ ގާރޑްސް ކޯޕް' (އައިއާރްޖީސީ) އިން ވަނީ އިސްރާއީލަށް މި ހަމަލާ ދިން ކަން ކަށަވަރުކޮށްދީފައެވެ. އައިއާރްޖީސީ އިން ބުނީ ޑްރޯން އާއި މިސައިލްތައް އުދުއްސާލީ އޮޕަރޭޝަން "ޓްރޫ ޕްރޮމިސް" ގެ ދަށުން ސީރިއާގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް އަމާޒުކޮށް 1 އެޕްރީލްގައި ޒަޔަނިސްޓުން ހިންގި ކުށަށް އަދަބު ދިނުމުގެ ގޮތުން ކަމަށެވެ.
ސީރިއާގެ ދިމިޝްގު ރެއިޑްކޮށް 12 މީހުން މަރާލާފައިވެއެވެ. އޭގެ ތެރޭގައި އައިއާރްޖީސީގެ 'އެލީޓް ގުދުސް ފޯސް' ގެ ދެ ސީނިއާ ޖެނެރަލަކުވެސް ވަނީ އަވަހާރަކޮށްލާފައެވެ. ދިމިޝްގުގައި މި ހަމަލާ ދިންކަން ނުވަތަ ނޫންކަމެއްވެސް އިސްރާއީލުން އަދި ޔަގީންކޮށްދީފައެއް ނުވެއެވެ. އީރާނުން ވަނީ މިހަމަނުޖެހުމުގެ ތެރެއަށް އެމެރިކާ ނުވަނުމަށް އަންގާ އިންޒާރުދީފައެވެ.
ކޮމެންޓް