ކުށްވެރިޔާ

ކުށްވެރިޔާ

ކުށްވެރިޔާ

"ނަމާދު ވަގުތުން ކުރުމުން ﷲ ތައާލާ ތިބާގެ ވަގުތުގައި އިންތިހާއަށް ބަރަކާތް ލައްވައެވެ. ވަގުތުގެ ވެރިފަރާތަށް ތިބާ ގަދަރުކުރުމުން ވަގުތުވެސް ތިބާއަށް ބޭނުން ތެރި އެއްޗަކަށްވާނެއެވެ. ﷲ ތައާލާ ތިބާގެ ދުވަސްތަކުގައި ކޮންމެ މިނިޓެއްގައި ބަރަކާތް ލައްވާށިއެވެ."

އަހެދް އާއި މައިރާ އެއީ އެއް އުމުރުތަ؟" މާހްޒަބީން އަށް އަހާލެވުނެވެ. އެހާ ކުއްލި ގޮތަކަށް އެ ސުވާލު އައުމުން އައްޒަހްރާ ހުރީ ވާނުވާ ނޭނގިފައެވެ. ނަމަވެސް މަހުގެ ގޮތުން އަހެދް ބޮޑުކަން އައްޒަހްރާ ބުނެދިނެވެ. މާހްޒަބީން ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"ކިހިނެއްވީ؟" އައްޒަހްރާ ސުވާލުކުރުމުން ޖަވާބު ނުދީ މާހްޒަބީން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

" ފީރޯޒާ މަތިން ވަރަށް ހަނދާންވޭ ދޯ އަހެދް ފެނުމުން...ހާދަ ވައްތަރޭ....އެކަމަކު މަންމަ ގެ ހިތް ވަރަށް ބިރުގަނޭ...." އައްޒަހްރާ ގެ މޫނު މަތީގައި މާޔޫސް ކަން ފާޅުވިއެވެ.

"މަންމާ.....އެއި މަންމަ ގެ ކުށެއް ނޫނޭ....އެ އެކްސިޑެންޓުގައި ބައްޕަ ވެސް ނިޔާވީ....ފީރޯޒާވެސް...." މާހްޒަބީން އައްޒަހްރާގެ އަތުގައި ފިރުމާލަދިނެވެ.

***

މެންދަމުގެ ހަމަހިމޭންކަން ޖައްވަށް ވެރިކޮށްފައިވީ ތާޒާ ފިނި ކަމެކެވެ. ބޮކިތަކުގެ އަލިން ދިއްލައިފައި އޮތް ފުޅާ ބޮޑު މަގުން ލަނބާލާފައި ގޯޅިއަށް އެޅިފައިވީ އެ އަލީގެ ދޯދިތަކެއް އެކަންޏެވެ. އެ ހަނި ގޯޅި ތެރެޔަށް އިތުރަށް އަލި އަޅުވާލަދިނީ ސައިކަލް މަޑު ކޮށްލީ ގޯޅި ކަންމައްޗަށެވެ. ސައިކަލުން ފޭބި ދެ ޒުވާނުނުންގެވެސް އިސްކޮޅު އެއްވަރުވެފައި ރޫފަ ހެޔޮވަރެވެ. މޫނު ނިވާ ކޮށްލައިގެން ތިބި ހިނދު ލައިގެން ތިބީ ވެސް އެއްކަހަލަ ކަޅު ސްވެޓަރެކެވެ. އެއިން ބޯ ވެސް ވަނީ ނިވާކޮށްފައެވެ. އެ ގޯޅި ތެރެޔަށް އަލި އެޅުނު ހިނދު ފާރަށް ލެނގިލައިގެން އިންތިޒާރުގައި ހުރި ޒުވާނާ އަވަސް ފިޔަވަޅު ތަކުގައި އައިސް އެ ދެޒުވާނުންނާއި އަރާ ހަމަ ކުރިއެވެ.

"ކޮބާ.....ބްރޯ މެން ބޭނުންވަނީ ކޯޗެއް؟އޮރިޖިނަލް ވީޑް ކޮޅެއްތަ ނޫނީ ބްރައުން ޝުގާ ތަ؟....މިރޭ ބުފޭގަ ހުރީ މި އެކަނި..." ސިއްރުވެރި ރާގުގައި ބުނެލިއެވެ.

" އަހަރުމެން މިއައީ ކަލެޔަށް ބުފޭ އެއް ތައްޔާރުކޮށްލައިގެން....ބޭނުންތަ؟" ދެ ޒުވާނުން ގެ ތެރެއިން އެކަކު ވާހަކަ ދެއްކި އިރު އަނެއް ޒުވާނާ ޖަހާލީ ނުސިޔާނު ހިނިގަނޑެކެވެ.

" ތިބުނީ....އަސްރާރު ފޮނުވައިގެންތަ؟.ޝޯރޫމް ޑެލިވަރީ އެއް ދޯ....އާނ އަވަހަށް ދީ....ތި ވަރަށް ސަޅިވީ މިރޭ...."އޭނަ ވާހަކަ ދެއްކީ ޖޯޝުގައެވެ. ލިބެން އުޅެނީ ކިހާ ފަދަ ބޮޑު ބޮނޑިއެއްކަން ރޭކާވެސް ނުލައެވެ. އޭނަ އަތް ދިއްކޮށްލުމުން އަތުގައި ހިފައި އަނބުރާލައި އަނގަމަތި ބަންދުކުރިއެވެ. އަދި އެކަކު ހިފަހައްޓައިގެން ހުރިއިރު އަނެކަކު ގަޔަށް އައި ހާ ބާރުލައި އޭނާގެ ގައިގެ އެތަން މިތަނުގައި ޖެހިއެވެ.

" ބްރޯ...އަލް...މިހާރު ފުދޭނެ.....ހިނގާ ދާން...." ލޯކަން ގެ އަނގަމަތީ އަތް އަޅައި ބާރުކޮށްލައިގެން ހުރި މަރުވާން ބުނަމުން ދިޔައެވެ. އަލްބާން ހޭވެރިކަން ވާން ހިނދުކޮޅެއް ނެގިއެވެ. ލޯކަން ގައިގައި ތަޅަމުން ދިޔައީ ހިތުގައި ވި ނަފްރަތެއްގެ ބޮޑުކަމުންނެވެ. ޖޫރީ އަށް ކުރި ކަމަށް ވުރެން ވެސް ބާބިލް އަށް ކޮށްފައި ހުރި އަނިޔާތައް ހަނދާނުގައި ބަހައްޓައިގެންނެވެ. ހިތުން އެ ނަފްރަތު ފޮހެލެވުނީ ލޯކަން ގެ ނަސީބެވެ. އެހެން ނޫން ނަމަ ލޯކަންގެ ވަސް ވެސް މިދުނިޔެއިން ފިލައި ދިޔައީހެވެ. ބިންމައްޗަށް ލޯކަން ވައްޓާލަމުން މަރްވާން އާއި އަލްބާން އަވަސް ވެގަތީ ސައިކަލަށް އަރައި ދުއްވާލުމަށެވެ. ސައިކަލަށް އެރުމަށް ފަހުވެސް އަލްބާން އަދި ފަހު ފަހަރަށް ވެސް ބިންމަތީ ވެއްޓިފައި އޮތް ލޯކަންގެ ބަނޑުގައި ފައިން ޖެހިއެވެ.

މަރްވާން އާއި އަލްބާން އަވަހަށް މީހަކަށް ނުފެންނަނީސް ވަނީ ޖަވާހިރުތައް ތައްޔާރުކުރާ ވޯކްޝޮޕަށެވެ. އެއީ އެތަނާ ކައިރިވެސް ވުމުންނެވެ. އެތަނުގެ ގަރާޖަށް ސައިކަލް ވައްދާފައި އެ ސައިކަލް ފޮރުވައިލީ ސަތަރިގަނޑެއް އަޅާފައެވެ. އަދި މޫނު ނިވާކޮށްގެން ތިބި މާސްކުތައްވެސް ނަގައި ލައިގެން ތިބިހެދުންތައް ވެސް އަންދާލިއެވެ. ބޭނުމަކަށް ވީ ހުރިހާ ހެއްކެއް ނައްތާލުމެވެ.

" އަލް....އަލްބާން...ބްރޯ....އޯކޭތަ؟އަސްލު ކީއްތިކުރީ؟" މަރްވާން ހުރި ހައިރާންވެފައެވެ. އަލްބާން އާއި އެކީ ދާން އެއްބަސްވި އިރުވެސް އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް ހިތަކަށް ނާރައެވެ.

" މަ އޯކޭ އޭ.....އަދި ޖެހުނު ލެއް މަދީ...." އަލްބާން ގެ އަތް މުށްކަވާލެވުނެވެ.

"ޗިލް....ހަމަޖެހިބަލަ.....ތިހާ ރުޅި އައީ ކީއްވެކަން ކިޔާދީބަލަ....މަ ވެސް ބިރުގަނެއްޖެ..." އަލްބާންގެ ކޮނޑުގައި އަތް އަޅައިލީ ވަރަށް ކަންބޮޑުވެފައި ހުރެއެވެ.

" އެއި ބާބިލް ގެ ފިރިމީހާ.....މަރްވާން ގެ ވެސް ލޭ ކެކޭނެ ބާބިލް އަށް ކޮށްފަ ހުރި އަނިޔާތައް ފެނުނަމަ....." އަލްބާން ކަމުގެ ހަގީގަތް ފާޅުކުރިއެވެ. މަރްވާން ވެސް ހުރީ ހައިރާންވެފައެވެ. އެއީ ބާބިލް ގެ ފިރިމީހާކަންވެސް އެނގުނީ އަދި ކިރިޔާއެވެ. މަރްވާންގެ ވެސް ލޭ ހޫނުވިއެވެ. ބާބިލް ނޫން އެހެން އަންހެނަކަށް ވެސް އެފަދަ އަނިޔާތަކެއް ލިބުމަށް ހަމަ ބުއްދި ހުރި ހެޔޮ އިންސާނަކު ނޭދޭނެއެވެ. އަލްބާން ގެ އެދުމަކަށްވީ އެ ހިއްސާ ކުރެވުނު ވާހަކވެސް ސިއްރުކުރުމަށެވެ. މަރްވާން އާއި އަލްބާން އަކީ ދެމީހުންގެ ވެސް އެންމެ ސިއްރު ހިފެހެއްޓޭ ދެ އެކުވެރިންނެވެ. އެ ދެމީހުންގެ އެކުވެރިކަން އާއިލީ ގުޅުމުން އިތުރަށް ބާރުގަދަ ކޮށްދެއެވެ.

އަލްބާންގެ ފޯނު ޓްރެކް ކުރުމުގެ ކުރިން އޭގައި ހުރި ހުރިހާ ޑޭޓާއެއް އެތާހުރި ކޮންޕިއުޓަރަށް ކަހާލިއެވެ. އަލްބާން އަކީ ސަރުކާރާއި ވަކިވެފައި އޮންނަ ސިއްރު އިންވެސްޓިގޭޝަންތައް ހިންގާ ކޯޕަރޭޝަނެއްގައި މަސައްކަތް ކުރާ ޑިޓެކްޓިވްއެކެވެ. މަރްވާންއަށް ނޫނީ އާއިލީ އެހެން މީހަކަށް މިކަމުގެ ހަގީގަތެއްވެސް ނޭނގެއެވެ. މަރްވާން އަށް ވެސް އެނގޭނީ ހަމަ އެކަނި އަލްބާން ހާމަ ކުރާ ވާހަކަތައް އެކަންޏެވެ. އަދި އިތުރަށް އެކަމުގެ ހަގީގަތް ބަލައި ހެދުމަށް މަރްވާންގެވެސް ޝައުޤެއް ނުހުންނަނީ އެއި އޭނަ އަލްބާން އަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ.

" މިކަހަލަ ހުރިހާ ކަމެއްގެ ނިވާ ފަތްގަނޑުގައި ތިބޭނީ ބޮޑުން....." އަލްބާންގެ ރުޅި ގަދަވީ ފޯނުގައި ހުރި އެއްޗިހި ފެނިއެވެ. އަދި ޖޫރީ އާއި އެހެނިހެން އަންހެން ކުދީންގެ ފޮޓޯތައް އެއިން ފޮހެލި އެވެ.

" މި ފޯނަށް ކިހިނެއް ހަދަންވީ؟މޫދަށް އެއްލާލަންވީތަ؟" މަރްވާން ކުރީ އޭނަ އަށް އާ ސުވާލެއް ނޫނެވެ.

"ނޫން...ތި ފޯނު ޕްލާންޓް ކުރާނީ ތަނެއްގަ.....މިނިޓެއް ތެރޭ މިތަނަށް އަންނާނެ ކަޅު ކާރެއް..." އަލްބާން އެ ހަވާލު ކުރަންވީ ގޮތް ކިޔައި ދިނެވެ.

***

ކައިލްގެ ރޭގަނޑުގެ ނިދި ނަގާލެވިފައިވަނީ އުދަގޫދެނިވި ޚިޔާލުތަކުންނެވެ. އަލްބާން ގެ ޚަބަރެއް ވާނެ ކަމަށް އިންތިޒާރުގައެވެ. ސޯފީ އެކަނި ބާއްވާފައި ނުނިކުމެވޭނެތީ އެތައް ފަހަރެއްގެ މަތިން އަލްބާން އަށް ފޯނު ވެސް ކުރެވިއްޖެއެވެ. ކައިލްގެ ކަންބޮޑުވުން ޖޫރީ އާއި މެދު ހުއްޓަސް ބޮލުގެ ކަނެއްގައި ޓަކި ޖަހަމުން ދިޔައީ މުރުތަސިމް އާއި އަހެދް ގެ ގުޅުމެވެ. އާސީނާ އަށް ސިއްރުކުރެވެނީ މާޒީގެ ކަމެއް ކަމުގައިވިޔަސް މި ހާލަތުގައި އެ ވާހަކަ ނުބުނެ ހުރުމުން ފަހުން ނިކުންނާނެ ދެރަޔަކާއި މެދު އޭނަ ހާސްވެއެވެ. އެ ހިތުގައި އަހެދް އަށް އެއްވެސް މިންވަރެއްގެ އިހުސާސެއް ނެތް ނަމަވެސް މުރުތަސިމް އަށް ވެސް ކަމުގެ ހަގީގަތް އެނގޭ ދުވަހަކުން ކުރާނެ އަސަރާއި މެދު ވިސްނުނެވެ. ހައްތަހާވެސް ހީކުރެވެނީ މިއީ މިގޭ އެންމެނަށް ދެވޭ ދެރައެއް ކަމަށެވެ. ނަމަވެސް އެއީ ކައިލް ގެ މާޒީ އެވެ. އަހެދް ގެ ވެސް މެއެވެ. އެ ނިޔަތުގައި ވެސް އަހެދް އާއި ވާހަކަ ދައްކަން ގަސްތުނުކުރަނީ އެއީ އާސީނާ އަށް ދެވޭ ދެރައެއް ކަމުގައި ވިސްނޭތީއެވެ. މުޅި ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ބަނޑުހައިވާންފެށިއެވެ. ދަންވަރުގެ ވަގުތަކީ އާންމު ގޮތެއްގައި ސޯފީ ގަދަ ނިދީގައި އޮންނާނެ ވަގުތު ކަމުން ބޭބީ ކެމެރާ ޖައްސާލުމަށް ފަހު ސިއްރު ފިޔަވަޅު ތަކުގައި ހިނގައިގަތީ ބަދިގެ އާއި ދިމާއަށެވެ.

"ސުބްޙާނައްﷲ.....ސިމް....ސާބަހޭ..." ސިހުނު ވަރުން ކައިލް އަށް އެވަގުތު ހިފުނީ މުރުތަސިމް ގެ ޓީޝާޓުގައެވެ. މުރުތަސިމް ވެސް ބިރުގެންފައި ތެޅިގަނެވުނު ގޮތުން ޓީޝާޓު ވީދިގެން ދިޔައިރު ދެމީހުން ވެސް ވެއްޓިފައި ތިބީ ބިންމަތީގައެވެ.

" ސާބަސް ކިޔަންވީ ކައި އަކަށް ނު.....މި އަދި އާ ޓީޝާޓެކޭ....އުނަގަނޑަށް ވެސް ތަދު އަރައިފި..." މުރުތަސިމް ގެ ވީދިފައި އޮތް ތީޝާޓަށް ނަޒަރު ހިންގާލީ ހަގީގަތުގައިވެސް ދެރަވެފައި ހުރެއެވެ. ކައިލް އަށް އެމަންޒަރު ފެނި ހެވުނެވެ. ތިރީގައި އެ މަންޒަރު ދެކެން ހުރި އަހެދް އަށް ވެސް ހެވުނެވެ. އަހެދް އާއި ބައްދަލުކުރުމުގެ ނިޔަތުގައި ނިކުތް މުރުތަސިމް އަށް އެލިބުނީ ނުބައި ލަނޑެކެވެ. އެއީ އަލްބާން ވެސް ގެއަށް އައި ވަގުތެވެ. އަހެދް އަވަސްއަވަހަށް ކޮޓަރިއަށް ވަންނަން ދިމާ ކުރި އިރު ކޮޓަރީ ދޮރު ހުޅުވޭނޭ ގޮތެއް ނުވިއެވެ. އެތެރެއިން ކޮޓަރި ދޮރު ވަނީ ތަޅުލެވިފައެވެ. އަލްބާން އަށް ހުރިހާ މަންޒަރެއް އެއްކޮށްލާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަހެދް ފެންނަ ކަމަށް ނެހެދުނީ އިތުރަށް ލަދު ނުގެންނެވުމަށެވެ. އަދި ކައިލް އާއި މުރުތަސިމް ގެ ކޯޅުން ގަނޑާ އަރާ ހަމަ ކުރިއެވެ.

" ސާބަސް....ބަލާ މީހަކަށް ހީވާނެ މިއީ ވާ ކަމެކޭ...." ޗުސް ކަނޑާލަމުން އަލްބާން ބުނެލީ ބޮޑުދައިތަ ސަކީނާ ވާހަކަ ދައްކާ ރާގަށެވެ.

"މިރޭ މީ އެންމެނަށް ސާބަސް ކިޔާ ރެއެއް ދޯ...." މުރުތަސިމް ނުހޭން ހުއްޓަސް ހެވުނެވެ. އަދި ބިންމަތީން ތެދުވަމުން ފަހަތް ބަލާލިއިރު އަހެދް މޫނު އަނބުރާލައިގެން އެ ކޮޓަރި ދޮރު ކައިރީ ހުރިތަން ފެނުމުން އަމިއްލަ ހަށިގަނޑުގައި އަތް އަޅައިލެވުނީ ނިވާ ކުރަން އުޅޭ ފަދަ ގޮތަކަށެވެ.

" ދެން ކޮން ފޮރުވުމެއް؟ލައިވް ކޮށް ބަލައިފި އޭ މަންޖެ. ދެންވެސް މާކަރަކުން ވިޔަސް ގޮޅި ކުރަހާލައިގެން ދޭބަލަ މި ތަޅުދަނޑި ދޭން ތިރިޔަށް....." އަލްބާން ޖެއްސުމުގެ ރާގުގައި ބުނެލީ ތަޅުދަނޑިއެއް ދިއްކޮށްލުމަންނެވެ. އެވަގުތު ކައިލް ތިރި ބަލާލިއިރު އަހެދް ފެނުމުން ހިތް ނުތަނަވަސް ކުރުވިއެވެ. ވަގުތުން ވިސްނުނެވެ. މިހާ ދަން ގަޑިޔެއްގައި މުރުތަސިމް އާއި އަހެދް ބައްދަލުކުރަން އައީކަން ޔަގީނެވެ.

"ސިމް....ޓީޝާޓެއް ލައިގެން....އިފް ޔު ވޯންޓު މެރީ ހާ...ޑޫ އިޓް...ތިހެން ސަމާސާ ކުޅިވަރަކަށް ހެދެމުގެ ބޭނުމެއް ނެތް..." ކައިލް ވަރަށް ސިރިޔަސް ކަމާއެކު ނަސޭހަތްތެރިވިއެވެ. އަލްބާން ވަގުތުން އަނަގޔަށް ގޮތެއް ހަދައިލައި މުރުތަސިމް އަށް ލޯ އަޅާލިއެވެ. މުރުތަސިމް ތަޅުދަނޑި ހޯދުމަށް ފަހު އެނބުރި ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ އެއްޗެއް ނުބުނެއެވެ. ޓީޝާޓެއް ލައިގެން ތިރިޔަށް ގޮސް އަހެދް އަށް ތަޅުދަނޑި ހަވާލުކޮށްފައި އަންނަން ދެން ކައިލް އާއިއ އަލްބާން މަތީގައި ފާރަވެރިންނަށް ވެގެން ތިއްބެވެ. މުރުތަސިމް ތަޅުދަނޑި ދިއްކޮށްލި އިރު އަހެދް އަށް ވެސް ނުބަލައެވެ. އަހެދް ހުރި ނިޤާބުގައި ނަމަވެސް މެއެވެ. ކައިލް އެ ދެއްކި ވާހަކައިގެ ސީރިޔަސް ކަން މުރުތަސިމް އަށް ވެސް ވިސްނުނީއެވެ.

" ކައި...ތޭންކްސް...އެއްގޮތަކަށްވެސް އަހެދް ބުނެގެންނެއް ނޫން....މެސެޖް ކުރި ވަގުތު އަހެދް ބަދިގެއަށް ފެންފުޅި ބަލައި ދާ....." މުރުތަސިމް ގެ ވާހަކަ ނުނިމެނީސް ކައިލް ހުއްޓުވިއެވެ.

" ނާހަމެއްނު.....އެހެން ނޫނަސް ހާސް ނުވޭ.....ހަމަ ރަނގަޅަކަށް ބުނެލީ...." ކައިލް ޖަވާބު ދިނީ ހިތް ހެޔޮކަމާއެކުއެވެ. އަލްބާން ވެސް އެވަގުތު އާ ފުރަމުން އަނގަ މަތީ އަތް އެޅިއެވެ. އަތުގައި ލޭ ހިކިފައި ހުރިކަން އަލްބާން އަށް ފާހަނގަ ވީ މުރުތަސިމް ބަލައިލި ގޮތަކުންނެވެ.

"އަލް....ކިހިނެއް އަތް ހަލާކު ކޮށްލީ؟" ކައިލް ސުވާލުކުރިއެވެ.

"އެއި ގަހަކަށް އަރަނިކޮށް..." ވަރަށް ހަމަޖެހިލައި އަލްބާން ޖަވާބުދިނެވެ. ކައިލް އަށް ވިސްނުނީ ކެމެރާ ނެގުމަށް ވަދެ އުޅެނިކޮށް ދިމާވި ކަމެއް ކަމުގައެވެ.

" ދެންވެސް އަތުގަ ބޭސް އަޅާބަލަ....މިރޭ ދެން ނެތްތަ ކޮފީ އެއްވެސް..." މުރުތަސިމް ގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.

"ކޮފީ އޭ.....ހައި ވެގެން މި ނިކުތީ ވެސް އެކަމު މިހާރު މަވެސް އެބަ ޖެހޭ ބަނޑަށް ގޮޅި އަރުވަން....ސިމް އަށް ދިމާ ވި ކަހަލ ކަމެއް ދިމާ ވުމުގެ ކުރީން..." ދިމާކޮށްލަމުން ކައިލް ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލިއެވެ. އަދި މުރުތަސިމް އަށް ޖަވާބު ނުދެވެނީސް ސޯފީ ނިދިފައި އޮތް ކަމަށް އިޝާރާތްކުރަމުން ކަމުން ރެކުނެވެ. އަލްބާން ދިމާކޮށްލާފަދަ ގޮތަކަށް ބުމައަރުވައިލިއެވެ.

***

" ޔަކް....ޗީޑި...ހާދަ ފޫއްސޭ....އެންމެ ކުރިމަތީ ކިހާ ބޮޑު ލަދެއް...ނޭނގޭ ކިހިނެއް ކަމެއްވެސް އެމީހުން އަހަންނާ މެދު ދެކޭނީ..." އަހެދް ލަދުން މަރުވާ ވަރުވިއެވެ. އަދި ކޮޓަރިތެރޭ ބުރު ޖަހަމުން ދިޔައީ މުރުތަސިމްގެ މެސެޖެއްގެ އިންތިޒާރުގައެވެ. މިރޭ ވާހަކަ ފެށުނީ މުރުތަސިމް ފޮނުވި މެސެޖަކުންނެވެ. އެއީ ކުރީން ވާހަކ ދެއްކުނު ގޮތާއި މެދު މާފަށް އެދެމުންނެވެ. އަދި މިއަދު ސަކީނާ ގެ ކޯޅުންގަނޑުގެ ވާހަކަ އަހެދް ފެށުމުން ދެމީހުންގެ ދޭތެރެގައިވި ބީރައްޓެހިކަން ފިލައި ދިޔައެވެ. އަދި ވާހަކަ ކުރިޔަށް ދިޔައީ ދެމީހުންގެ މިޒާޖާއި ގުޅޭގޮތުންނެވެ. އެގަޮތުން ދެކެވުނު ވާހަކަ އެއް ތެރެއިން އަހެދް ފެން ބޯން ބަދިގެއަށް ދާ ވާހަކަ ބުނުމުން މުރުތަސިމް ވެސް އަވަސް ވެގަތީ ބަދިގެއާއި ދިމާ އަށް ދިއުމަށެވެ. އަހެދް އެ ގޮތަށް މެސެޖު ކުރީވެސް އެކަން އެގޮތަށް ވާނެ ކަމުގެ އުންމީދުގައެވެ.

މިހުރިހާ ކަމަކުން އަމިއްލަ ހިތް ނުތަނަވަސް ކުރުވަން ފެށިއެވެ. މުރުތަސިމް އާއި ކައިވެނި ކުރުމަށް މިއަށް ވުރެ ފަސޭހަ މަގު ވެސް ހުރި ކަން އެނގި މިކަހަލަ ގޮތެއްގައި ކަން ކުރުމަށް އަމިއްލަ ޚިޔާލަށް އައީތީވެސް ނަފްސު ކުށްވެރިކުރެވުނެވެ. އެވަގުތު ފޯނު ރިންގް ވިއެވެ. ސިކުންތަކަށް ވެސް ނުބަލައި އަވަހަށް ފޯނު ނެގުނެވެ.

" މެރީ ކުރާ ނަންތަ؟މިއި ވަރަށް އަޖާއިބު ސުވާލެއްކަން ވެސް އެނގޭ...އެކަމަކު އަހަރެންގެ ނިޔަތް ސާފު ކޮށް އަންގަން ބޭނުންވޭ އަހެދް އަށް....ދިމާވިތާ އެހާ ދުވަހެއް ނުވާ ކަންވެސް އެނގި ހުރެ މި އަހަނީ....." މުރުތަސިމް ގެ ސުވާލު އަމާޒުކުރީ އެއްވެސް އަޅައިގަތުމެއް އެ އަޑުގައި ނެތިއެވެ. ސާފުކޮށް ބާރަށް އަޑު އިވޭނޭ ހެންނެވެ. އަހެދް ގެ ލޯ ބޮޑުވިއެވެ. އަދި ފޯނު މިއުޓަށް ލުމަށް ފަހު އުފަލުން ފުންމައިގަނެވުނެވެ. ބޭނުންވި ގޮތް މިހާ ފަސޭހައިން ވެދާން ކަމަކަށް ހީވެސް ނުކުރަނީސް މި ސުވާލު އަދި މިގޮތަށް އައުމުން އުފަލުގެ ކޮޅެއްވެސް ނެތެވެ.

" ޖަވާބު އެންމެ ލަސްވެގެން މާދަން ހަވީރަށް.....ބޭނުން ނުވަންޏާ އެ ގޮތަށް ވެސް ބުނެލަދީ....މިހެން ދެމީހުން ދޭތެރޭގައި ހުސް ވާހަކަތަކެއް ދައްކާކަށް އަހަރެން ނޭދެން...ބޭނުންވަނީ މާނަ ފުން ގުޅުމެއް..މިއީ އަހަރެން އަހެދް އަށް ކުރާ ގަދަރު....ދެމީހުންނަށްވެސް މިގޮތުގައި ކުރިޔަށް ދިޔުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ...." އަހެދް ގެ ފަރާތުން ޖަވާބެއް ނުލިބުމުން މުރުތަސިމް ވާހަކަ ދެއްކިއެވެ. ހިތް އެދެމުން ދިޔައީ އަހެދް ކޮންމެވެސް އެއްޗެއް ބުނާނެ ކަމަށެވެ. އަހެދް ގެ ޖަވާބަކަށް ބިރުގަތަސް މި ކުރެވުނީ އެނެމެ ރަނގަޅު ގޮތް ކަން ހިތަށް ވިސްނައިދިނެވެ. ގުޅުމެއްގެ ބިނާ އެޅުނު ގޮތަކަށް އެ ގުޅުން ދެމެހެޓުން ފަސޭހަ ވާނެކަން މުރުތަސިމް އަށް ވިސްނުނީއެވެ.

" ތިހާ ފަސޭހައިން އަހަރެން ދެކެ ލޯބި ވެވުނީތަ؟" ކަރު ކަހައިލާފައި ވާހަކަދައްކަން ތަތްޔާރުވެލަމުން ފޯނު މިއުޓުން ކަނޑާލުމަށް ފަހު އަހެދް ސުވާލުކުރިއެވެ.

" ނުބުނަން ލޯބި ވެޔެކޭ....ކައިވެންޏަކަށް އެދުނީ.....އަހެދް ގެ މިޒާޖުގައި މިހާތަނަށް ފެނުނު ކަންތައްތައް ސޯ ފާ އައި ލައިކްޑް...ހަގިގީ ލޯތްބަކީ ކައިވެންޏަށް ފަހު ލިބޭނޭ އެއްޗެއް..." މުރުތަސިމް މޭމަތި އަތް ބާއްވަމުން ވާހަކަ ނުހަނު ބިރުގެންފައި ހުރެއެވެ. ނަމަވެސް ހިތުގެ އަޑިން އެއީ އެންމެ ރަނގަޅު ގޮތް ކަން ގަބޫލުކުރަމުންނެވެ.

"ކައިވެންޏަކަށް ފަހު ލޯބި ނުވެވިއްޖެއްޔާ؟." އަހެދް ސުވާލުކުރީ މުރުތަސިމް ގެ ހިތް ތަޅުވާލުމުގެ ނިޔަތުގައެވެ.

" ދެމަފިރިންގެ ދެތެރޭގައި ލޯތްބާއި އަޅާލުން ލައްވަވަނީ މާތް ﷲ.....އެ ލޯބި ލިބިގަތުމަށް އިންސާނުން ކުރަންވީ އެންމެ ކަމެއް....ހިތް އެދޭ ފަރާތެއް ވާނަމަ ކައިވެންޏަށް އަވަސް ވެގަތުން...." މުރުތަސިމް ޖަވާބު ދިނެވެ.

" މާދަން ހަވީރުން ޖަވާބެއް ދޭނަން...." އަހެދް އިތުރު ވާހަކަ ދެއްކުމެއް ނެތި ފޯނު ކަނޑާލިއެވެ. އަދި އެނދަށް ވެއްޓިގަތެވެ. އަދި ބާލީހުން މޫނު ފޮރުވާލިއެވެ. އުފަލުން ގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގުނެވެ. އެނދުމަތީވެސް އެފުށް މިފުށަށް ޖެހި ފުމުނެވެ.

" ކާމް ޑައުން އަހެދް.....ކަމް އައުޓް އޮފް އިޓް....މިގެޔަށް އައި މަގްސަދު ހަނދާން ނައްތާލެވުނީތަ؟" އަހެދް ގެ މިޒާޖު ބަދަލުވެ މޫނުގައި އަމިއްލަ އަށް ޖަހާލެވުނެވެ. ބޭނުންވި އަސްލު މަގަސަދު ހަނދާންކޮށްދިނުމަށެވެ. މުރުތަސިމް އާއި ކައިވެނި ކުރެވެނީ ހަމަ އެންމެ ސަބަބަކަށެވެ. އައްޒަހްރާގެ ފަރާތުން ބަދަލުހިފުމަށެވެ. ޔަތީމެއްގެ ގޮތުގައި ބޮޑުވާން ޖެހުނު ހާލާއި މެދު ވިސްނިފައިވެސް އަހެދް ގެ ލޮލުގައި ކަރުނަތައް ފުނި ޖެހުނެވެ. އެހާ ހާލުގައި ބޮޑުވާން ޖެހުނީ އައްޒަހްރާ އާއި ހެދިއެވެ. ހަމަ ގައިމުވެސް އަހެދް އަށް އެނގިފައިވަނީ އެއީ ހަގީގަތް ކަމުގައެވެ. އައްޒަހްރާ އޭނާގެ އިންސާނިއްޔަތުކަން އިސް ނުކޮށް މަރަށް ތެޅެން ދުކޮށްލި ފީރޯޒާ އެވެ. އަހެދް ގެ ލޯ މަތީން މިއަދުވެސް އެ މަންޒަރު ސިފް ކުރެވެއެވެ. އުމުރުން ކުޑަ ނަމަވެސް އެ މުޅި ހާދިސާ ލޮލުން ދެކެފައި ވުމުން ހިތުން ދުވަހަކުވެސް ފިލައި ނުދާނެ ހިތި ހަނދާނެކެވެ. އަހެދް ގެ މަގްސަދު ހާސިލް ވާނީ އައްޒަހްރާ އަށް މިދުނިޔޭގައި އެ ހިތި ލިބުމަށް ފަހުއެވެ. އެ ނިކަމެތިކަން އައްޒްހރާ އަށް ދައްކަން އެ ހިތުގައި ނިޔަތް ކަނޑައެޅުނު ދުވަހަކީވެސް އެއީ އެވެ. ނަފްރަތުގެ ހުޅުކޮޅު ހިތުގައި އަނދާތާ އެތައް އަހަރުވީއިރު އެ ނިވާލެވޭނޭ އެއްވެސް ހުރަހެއް އައުމަށް އަހެދް ގެ ހިތް ނޭދެއެވެ. އެ ހިތް މިއަދާ ހަމަޔަށް މީހަކު ދެކެ ލޯބިވުމުންވެސް މަހުރޫމް ކުރުވާފައިވަނީ ހަމ މި ސަބަބަށްޓަކައެވެ.

***

ހެނދުނު ގެ އިރުގެ ދޯދިތައް ވިލާތައް ފާއްދާލާައި ބިނގަނޑު އަލިކޮށްލުމާއެކު ވެލްވެޓް މޭންޝަންގެ ދޮރުތަށް ހުޅުވި ހެނދުނު ތާޒާ ވަޔަށް މަރުހަބާ ކިޔާ ގެއަށް ވަނުމަށް ދަޢުވަތު ދެވުނެވެ. އެރިއިރާއެކު ސަކީނާވެސް ހުރީ އެގޭ ދޮރު މަތީގައެވެ. ސަކީނާގެ ރަތް ވެފައި ވާ ލޮލާއި މާޔޫސް ވެފައިވާ މޫނު ފެނުމާއެކު އައްޒަހްރާއަށް ދުވެފައި ގޮސް ސަކީނާ ގައިގާ ބައްދާލެވުނެވެ. ކައިރީ ހުރި މަރްވާން ވެސް ހުރީ ގޮތް ހުސްވެފައެވެ. ރޭގައި ގެޔަށް ދިޔައީއްސުރެން ސަކީނާގެ ރުއިން ނުހުއްޓެއެވެ. މީހުންނާ ދިމާއަށް ފަސޭހައިން އެއޗެހި ބުނެލެވުނަސް އެ ހިތަކީ ސާފު ހިތެކެވެ.

" ދައްތާ.....އަހަންނަށް ވަރަށް ބޮޑަށް މާފް....ރޭގަ ތިގެޔަށް ދާންވެސް ހިތަށް އެރި އެކަމު..." އައްޒަހްރާގެ ލޮލުން ވެސް ކަރުނަ ފޭބިއެވެ.

" އެކަމު ނާންނަމެއްނު....." ސަކީނާ ބޮޑާހާކާލިއެވެ. މަރްވާން އަށް ހެވުނެވެ. އަދި އައްޒަހްރާ ކައިރީ ހުރި މާހްޒަބީން އަށް ވެސް ހެވުނެވެ.

" ސައި ތައްޔާރު...އާދޭ އަވަހަށް ކާން.....މިއަދު ކަދުރު ކޭކެއް ވެސް ތައްޔާރުކުރިން....ސަކީނާއްތަ އަށް ހާއްސަކޮށް..." ބާޞިލް ގެ އަޑުގައިވީ އުފާވެރިކަމެވެ. ހާސްކަން ފިލާފަިއވާ މޫނެކެވެ. އައްޒަހްރާ އަށް ވެސް ބާބިލް ގެ މޫނު މަތިގަިއ ވި އުޖާލާކަން ފާހަނގަ ކުރެވުނެވެ. މި ވޭތުވެދިޔަ ދުވަސް ތަކުގައި އެ މޫނު މަތި މިލާފައި ހުރުމުން އެކަމާ ކަންބޮޑު ވިއެވެ.

"ހާދަ ރަނގަޅޭ...މަގޭ ބާބޫ..." ސަކީނާ ކިޔަން އުޅުނީ ބާބުލާ ނަމަވެސް ރޭގެ ހަނދާނަތއް އާވުމުން އަވަހަށް އަނގަޔަށް ގޮތެއް ހަދާލިއެވެ. ނަމަވެސް ކަދުރު ކޭކެއް ހާއްސަކޮށް ސަކީނާ އަށް އެޅުމުން އޭނާ ހުރީ ބާބިލް އާއި މެދު ހިތް ހަމަޖެހިފައެވެ. ަމަރްވާން އަށް ބާބިލް ގެ މުނު މަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނި އެއީ ލޯކަން ހައްޔަރުކުރުމުންކަން އެނގުނެވެ. އެ ރޭ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓު ކުރެވި ލޯކަން އާއި އަދި އެކަމުގެ ބައިވެރީން ހައްޔަރުކޮށްފައެވެ.

"މި ޓީވީ އަޅުވަބަލަ.....ރޭގަ ކޮންމެވެސް ބައެއް މާރާމާރި ހިންގައިގެންނޯ....ގޭދޮށު ފާތުމަ މަގޭ ކައިރީ ބުންޏޭ....ކާސްޓު އަޅައިގެން ތިބި ބަޔެކޯ....ކިހާ ބިރުވެރި...." ސަކީނާ ވަރަށް ފޯރިއާއެކު ވާހަކ ފެށީ އަނގަޔަށް ކޭކު ފޮތްޗެއް ލަމުންނެވެ.

"ކާސްޓެއް ނޫނޭ...މާސްކު..." މަރްވާން ރަނގަޅުކޮށްލަދިނެވެ. އެވަގުތު ޒަވިޔާރު ވެސް ނިދިން ހޭލައިގެން ނާސްތާ އަށް އައެވެ. މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ.

" އާނ...އެ މިހާ ގައިގަ ވަރަކަށް ތަޅާލާފަ....ރޭގަ ނިދުނީވެސް ވަރަށް ލަހުން.....ހީވަނީ ޑްރަގް މައްސަލައެއްގަ ގޭންގް ބައެއް ހެން..." ޒަވިޔާ ވާހަކަ ދެއްކި ވަގުތު ބާބިލް ގެ ތުންފަތުގައިވީ ވީ ހިނިތުންވުން ފުޅާވިއެވެ. ސަކީނާ އަށް އެ މަންޒަރު ފެނި ލޯ އަޅާލިއެވެ.

"ބާބު ހާދަ އުފާވެފަ...ކިހިނެއްވީ؟ހެޔޮ ހަބަރެއް ލިބުނީތަ..." ސަކީނާ ސުވާލު އަމާޒުކުރި އިރު ލޮލުން އިޝާރަތްކޮށްފައި ބާބިލް ގެ ބަނޑަށް ބަލައިލިއެވެ. ބާބިލް ރަކި ވެފައި ބޯ ހޫރާލިއެވެ. އަދި ދާން ހިނގައިގަތް ވަގުތު އަލްބާން ގެ ގައިގައި ޖެހިފައި ސޫޕް ތަށި ވެއްޓުނެވެ. ނަސީބަކުން އެތަށީގައި އަލްބާން އަށް ހިފުނެވެ. ނަމަވެސް އަތަށް ސޫޕް އެޅުނެވެ.

"ސޮރީ.....ވަރަށް ބޮޑަށް މާފް...." ބާބިލް އަށް ރޮވުނެވެ. ހިތް ބިރުގަތީއެވެ.

"ބާބް....ހެއި އިޓްސް އޯކޭ...." އަލްބާން މަސައްކަތްކުރީ ބާބިލް ހަމަޔަކަށް އެޅުވޭތޯއެވެ. އަދި އައްޒަހްރާ އާއި މާހްޒަބީންވެސް ބާބިލް އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ބާބިލް އަވަހށް ބަދިގެއާއި ދިމާ އަށް ދުއްވައިގަތެވެ.

" އެ އޯކޭ ވާނެ...ބާބް ބިރުގަތީ ކަންނޭނގެ....އަހަރެން އެބަ އަންނަން..." ބާބިލް ފަހަތުން އަލްބާން ދިޔައެވެ.

އެވަގުތު އަތް ދޮންނަން އިން ބާބިލްގެ ލޮލުން ހިފެހއްޓުމެއް ނެތް ކަރުނަތައް ފައިބަމުން ދިޔައެވެ. އަލްބާން އެއްޗެއް ނުބުނެ ސިންކު ދޮށަށްގޮސް އަލްބާން ގެ އަތް ވެސް ދިއްކޮށްލިއެވެ.

" މިހާ ސިމްޕަލް ކަމެކޭ....އަސްލުވެސް އެ އޯކޭ އޭ.....ގަސްތުގަ ކުރިކަމެއް ނޫނެއްނު....." އަލްބާން ވަރަށް ފަރުވާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. އެވަގުތު ބާބިލް އަށް އަލްބާން އަތުގައި ވި ޒަޚަމް ލޮލުގައި އަޅައިގަތެވެ.

"މި ކިހިނެއް ވެފަ....ވެއިޓް....އެއިޑް ބޮކްސް ހިފައިގެން މިއަންނަނީ.." ބާބިލް ދުއްވައިގަތީ ފަސްޓް އެއިޑް ބޮކްސް ނެގުމަށެވެ. އަލްބާން އަށް ތަދު އިހުސާސް ކުރެވުނީ ދެނެވެ. ފެން ޖެއްސުމުން ކުޑަ ރިހުމެއް ހުއްޓަސް އެހާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް ބާބިލް ބޭސް އަޅަން އުޅުމުން އެކަން މަނާ ކުރުމަށް ހިތް ނޭދުނެވެ.

ނުނިމޭ

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.