ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނަން: ވަޒީރު ޢަލީ އިޙްސާން

ވަޒީރު ޢަލީ އިޙްސާން ވާހަކަފުޅު ދައްކަވަނީ

ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި

އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"ފޭކް ނަމްބަރު ޕްލޭޓް ޖަހައިގެން އަދި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް، ބާރަށް އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވުން ވެސް ހުއްޓުވާނެ" ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ "މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ޤާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށާއި އެގޮތުން މިހާރުވެސް ރައީސްގެ ޚާއްސަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގަ އާއި، ސްކޫލްތަކުގެ ކައިރި އާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަންނަން ހުރި ތަންތަނުގައި ހުރި ވެހިކަލްތައް ޓޯ ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން މަގުތަކުން ގެތަކަށް ވަދެވޭނެ ޚާއްސަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައް ވެސް ޓޯ ކުރާނެ ކަމަށާއި އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލްގެ ބޭރުން ޤަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރާ ފަރާތްތައް ހޯދައި ޤާނޫނުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރުގެ ވާހަކައިގައި ދެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.