ބައްދަލުކުރެއްވުމުގެ ތެރެއިން
ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރެއްވި
ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު "ތުރެޓް ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތެއްކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
އަދި ﷲ ގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަން ކޮމިޝަނަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދާކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދާ ކަމަށާއި އެކަންކަން ބަލައިގަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑުކަމަށާއި ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ހެދުމަށް ކޮމިޝަނަރ އެދިލެއްވިއެވެ.
ރޭ އަންެހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގެ ވިކްޓިމްގެ ހާލު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ބައްލަވާފައެވެ.
ކޮމެންޓް