އެފްކޮން އިން މަގުހެދުމުގެ ނަމުގައި ކުރަނީ ޖެއްސުމެއް ނޫންބާވައޭ ހިތައް އަރާ: މުސްތޮ

މުސްތޮ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަނީ

އެފްކޮން ކުންފުންޏާއި ސުވާލުކުރަންޖެހޭ ކަމަށް މުސްތޮ ވިދާޅުވި

އައްޑޫގެ މަގުތަށް ހަދަމުންދާ އެފްކޮން އިން މަގުހެދުމުގެ ނަމުގައި ކުރަނީ ޖެއްސުމެއް ނޫންބާއޭ ހިތައް އަރާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް (މުސްތޮ) ވިދާޅުވެއްޖެއެވެ.

އައްޑޫގެ ކަރަންޓާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުސްތޮ ވިދާޅުވީ އެފްކޮން އިން މަގުހަދަމުންދާއިރު ކަރަންޓު ކެނޑޭކަމަށް އަދި އެއީ މަގުގައި ވަޅުލާފައި ހުންނަ ނަރުތަށް ބުރިވެގެން ކަމަށެވެ. އަދި އެ ކުންފުންޏާއި ސުވާލުކޮށް އެގޮތަށް ކަންތަށް ނުވާނޭ ގޮތަކަށް މަސައްކަތް ކުރެވޭނެތޯ ބަލަން އެބަޖެހޭ ކަމަށްވެސް މުސްތޮ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުމަށް އަލި އަޅުއްވާލާ މުސްތޮ ވިދާޅުވީ "ޕޭސިޓީ ރަނގަޅުކުރުމަށް ޓަކައި މި ސަރުކާރުން ކަންބޮޑުވާ މިންވަރު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ޗައިނާ ސަރުކާރާއެކީ 32 މެގަވޯޓުގެ އިންޖީނުގެއެއް 20 އަހަރުގެ މުއްދަތަށް އިރާދަކުރެއްވިއްޔާ ކަރަންޓު މައްސަލަ ނުޖެހޭ ގޮތަށް އައްޑޫ ސިޓީގެ ކަރަންޓު  ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ސޮއިކުރެވި، އެ މަސައްކަތްކުރަމުން އެ ގެންދަނީ"

މުސްތޮ ވިދާޅުވީ މި ސަރުކާރުން ކަރަންޓުގެ ޔަގީންކަން ފޯރުކޮށްދޭން މަސައްކަތްތަކެއް ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ. އަދި ނިމި ދިޔަ ސަރުކާރުން ދިން ޔަގީންކަން ނުފެންނަ ކަމަށް މުސްތޮ ވިދާޅުވިއެވެ.

"ވޭތުވެދިޔަ 5 އަހަރު އެ ބޭފުޅުން ވިދާޅުވަނީ 100 ޕަސެންޓް ރާއްޖެއަށް ކަރަންޓު ޔަގީންކޮށްދީފީމޭ. އެހެންނަމަވެސް، އެ ޔަގީންކަން އަޅުގަނޑުމެންނަށް ނުފެނޭ ދެއްތޯ. އެހެންވީމަތާ ހަމަ ކުއްލިއަކަށް ކަރަންޓު ކެނޑިގެން މި ދަނީ" މުސްތޮ ވިދާޅުވިއެވެ.

މުސްތޮ ވަނީ 4 ބިލިއަނުން ފެނަކަ ދަރައިގެންދިޔައިރު ރާއްޖޭގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މި ހިންގާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް ކުރިއަށް އޮތް 20 އަހަރުދުވަހަށް ރައްޔިތުންނަށް ބޭނުންވާ ކަރަންޓު ޔަގީންކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.