އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި

މަޖިލީސް ތަޅުމުގައި ނާޒިލް ބަހުސް ކުރައްވަނީ

ކަރަންޓުގެ ހައްގުތައް ކެނޑުމަކީ އެހެނިހެން އަސާސީ ހައްގުތަކަށް އަސަރު ކުރާނެ ކަމެއް ކަމަށް މި ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ބުނެފައިވޭ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށައަޅައިފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެ ސިޓީގެ ރައްޔިތުންގެ އަސާސީ އާންމު ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑޭތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލިހަށް ހުށައެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލެވެ.

ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އިރުއިރުކޮޅާ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަރަންޓު ކެނޑުމުގެ ނޯޓިސްއެއް ދިނުމަކާ ނުލައި އެތައް ފަހަރަކު ކަރަންޓު ކަނޑާލުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށްވެސް ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫއަކީ 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީއެއް ކަމަށްވީ ހިނދު، އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާތީ އާއި އެންމެ އަސާސީ ފެންވަރަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނުކުޅެދި ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއްހެން އެރަށުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވަމުން އެބަދޭ." ނާޒިލް ވިދާޅުވިއެވެ.

ކަރަންޓުގެ ހައްގުތައް ކެނޑުމަކީ އެހެނިހެން އަސާސީ ހައްގުތަކަށް އަސަރު ކުރާނެ ކަމެއް ކަމަށް މި ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ބުނެފައިވާ ކަމަށާއި އެއީ މި މަޖިލީހުގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

އެ ކުއްލި މައްސަލަ އަށް ބަހުސް ކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ 57 މެންބަރުންގެ އިއްތިފާގުން އެ މައްސަލަ ފާސްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.