ރައީސް ޞޯލިޙުގެ އެމެރިކާ ދަތުރުފުޅުގެ ޚަރަދު ރިސީޓްތައް ދޭން ދައުލަތުން ދެކޮޅު ހަދައިފި

ރައީސް ޞޯލިހު އދގައި ތަގުރީރު ކުރައްވަނީ

ރައީސް ޞޯލިޙު އދގައި ތަގުރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމުލަ ތަފުސީލު ހޯދުމަށް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ އެމެރިކާ ދަތުރުފުޅުގެ ޚަރަދު ރިސީޓްތައް ދޭން ދައުލަތުން ސުޕްރީމް ކޯޓުގައި ދެކޮޅު ހަދައިފިއެވެ.

މި މައްސަލައަކީ ރައީސް ޞޯލިޙު އދގައި ތަގުރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ބައިވެރިންގެ ޖުމުލަ އަދަދާއި ނަމާއި އެ ދަތުރުގައި ބައިވެރިވި ހައިސިއްޔަތާއި ދަތުރަށް ޖުމުލަ ހަރަދުވި މިންވަރާއި ވަކިވަކި ކަންކަމަށް ހަރަދުވި މިންވަރު ތަފުސީލުކޮށް އެނގޭނެހެން ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށައެޅި މައްސަލައެކެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ މައްސަލައިގެ އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ ރައީސް ޞޯލިޙުގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރަސީދުތައްވެސް ހިމެނޭހެން އެ މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާ ގޮތުން ރަސީދުތަކާ ނުލައިވެސް ދަތުރުފުޅުގެ މައުލޫމާތު ހާމަކުރެވިދާނެ ކަމަށާއި ގާނޫނުގައި ހާމަކުރަން ބުނާ މައުލޫމާތުތަކުގެ ތެރޭގައި ރަސީދުތައް ނުހިމެނޭ ކަމަށްވެސް ދަޢުލަތުން ވަނީ ބުނެފައެވެ

އެހެންކަމުން ހައިކޯޓުގެ ނިންމުން ބާތިލުކުރަން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި ދަޢުލަތަށް ރައްދު ދެމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބުނީ ހަރަދުތަކުގެ ރިސިޓްތައް ދޭން އެންގީ ރައީސް އޮފީހުން ދޫކުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތަކަމަށް އައި.ކޮމް. އޮފީހުން ކޯޓުގައި ބުނެފައިވެއެވެ.

މިމައްސަލާގައި މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.