އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްޢާން

ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަންތަކަށް އާއްމުންގެ ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެފަދަ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ކަމުގައިވާ "އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ މިއަދު އިމިގްރޭޝަނުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ، ބިދޭސީން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަންތަކަށް އާއްމުންގެ ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށާއި ގިނަ ބިދޭސީންނާއި ގުޅޭ މަޢުލޫމާތު ސޯޝަލް މީޑިއާ ފަދަ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަމުންދާ ކަމަށެވެ. އަދި "އިމިގްރޭޝަން ވޮޗް" ތަޢާރަފްކުރުމުގެ ސަބަބުން އެންމެނަށް އެއް ޕްލެޓްފޯމެއްގެ ދަށުން މައްސަލަތައް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.

މި ޚިދުމަތް ތަޢާރަފްކުރުމުގެ މަޤްސަދަކީ މުޖުތަމައުގެ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ގާނޫނުތައް ދެމެހެއްޓުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓު ކުރުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތެއް ހޯދައިދިނުމެވެ. "އިމިގްރޭޝަން ވޮޗް"ގެ ޒަރިއްޔާއިން ރިޕޯޓުކުރާ ފަރާތާއި ރިޕޯޓު ކުރާ މައްސަލައިގެ ސިއްރިއްޔާތު ދެމެހެއްޓޭނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެފަރާތުގެ މަޢުލޫމާތު ހާމަކުރަން ބޭނުންނުވާ ހާލަތެއްގައި އެގޮތަށް ވެސް ރިޕޯޓުކުރެވޭނެއެވެ. ހަމައެއާއެކު، އާއްމުންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް އަގުހުރި މައުލޫމާތުތަކެއް ހިއްސާކޮށްގެން ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން، ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެ، މިފަދަ މައްސަލަތައް އަވަހަށް ބެލުމުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

"އިމިގްރޭޝަން ވޮޗް" ގެ ޚިދުމަތް 24 ގަޑިއިރު އޮންލައިން ކޮށް imuga.immigration.gov.mv  މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި މި ވެބްސައިޓަށް ވަޑައިގެން "އިމިގްރޭޝަން ވޮޗް" ޚިޔާރުކުރެއްވުމަށްފަހު، މައްސަލައިގެ ތަފްސީލާއެކު ފޮޓޯ ވެސް މި ޕްލެޓްފޯމަށް ހުށައެޅޭނެއެވެ. އިމިގްރޭޝަންގެ މަޤްސަދަކީ، ގާނޫނީ އުސޫލުތައް ދެމެހެއްޓުމާއި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމެވެ.

 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.