ޝަމްނާޒް
ދެ މީހުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ
ސިހުރުގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށް ފުލުހުން ބުންޏެވެ. ބަންދުން ދޫކޮއްލިކަމުގައި ވީނަމަވެސް، ފުލުހުން ގެންދަނީ މައްސަލަ ތަހުޤީގު ކުރަމުންނެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވާ މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ.
ރަމީޒާއި ޝަމްނާޒު ވެސް ވަނީ މަގާމުން ސަރުކާރުގެ މަގާމުތަކުން ވަނީ ސަސްޕެންޑު ކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރީ ފަހުންނެވެ.
ކޮމެންޓް