ފައިސަލް ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ފައިސަލް ވަނީ ރައީސް ޔާމީނަށް ވަރުގަދަ ރައްދުތަކެއް ދެއްވާފަ
ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ފޮޓޯ ދައްކައިގެން ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވަނީ ޕީއެންސީގެ ހަރުގެ ޖަލްސާގައެވެ. ފައިސަލްގެ މި ވާހަކަ އަމާޒުވެފައިވަނީ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށެވެ. ރައީސް ޔާމީން ގެންދަވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ހުސް ގޮނޑި ދައްކައިގެން ކަމަށް ވިދާޅުވަމުންނެވެ.
"ރައީސް މައުމޫންގެ ފޮޓޯ ފުޅު ދައްކައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސް ދުވަސް ވަންދެން ޖަލުގައި. ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވިޔަސް ކާނަލް ނާޒިމް ކަމުގައި ވިޔަސް އަދި ފާރިސް މައުމޫން ކަމުގައިވިޔަސް މި އެންމެން ޖަލަށްލައިގެން" ފައިސަލް ރައްދުގައި ވިދާޅުވިއެވެ.
ފައިސަލް އެ އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅުގައި ތިބި ފަރާތްތަށް އެކި ސަބަބުތަކާއި ގުޅިގެން ޖަލަށްލިލުމަށެވެ.
ފައިސަލް ވިދާޅުވީ ރައީސް ޔާމީނަށް 2018 ގައި ވެރިކަން ނުލިބުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީންގެ އަނިޔާވެރިކަން ކަމަށެވެ.
ފައިސަލް ވަނީ ރައީސް ޑރ. މުޢިއްޒުއާއި ސިހުރާއި ގުޅޭގޮތުން ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ.
"އަޅުގަނޑު ހަނދާނަށް އަންނަނީ އާ ރަށަށް ކަރުތާފެނަށްލައިގެން މޫދަށް ލައިގެނ އެތާނގައި ސިހުރުހާހޫރު ހަދަން ދެ އަންހެނެއްގެ ވިސްނުމަށް އެމަނިކުފާނު އެތާ އިންނެވިއިރު. ކޮން ވާހަކައެއްތޯ މިއަދު އަޅުގަނޑުމެން ކައިރީ ދައްކާނީ" ފައިސަލް ވިދާޅުވިއެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާ، ޕީއެންއެފް ކިޔާ ޕާޓީއެއް ވަނީ ހައްދަވާފައެވެ. އަދި އެ ޕާޓީގެ ބައްދަލުވުންތަކުގައި އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން އަންނަނީ ސަރުކާރަށާއި ޕީއެންސީއަށް އެކި ގޮތްގޮތަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް