މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަމަށްވީ ނަމަވެސް، ރިސޯރޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަވެސް ފާހަގަވެފައިވާ ކަމަށް
ކުނީގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހިރާހަކީ ހެދިފައިވާ ޤަވާއިދުތަކަށް އަމަލުނުކުރުން ކަމަށާއި ޤަވާޢިދާ ޚިލާފަށް ޢަމަލު ކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކާއި މެދު ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤް މިހެން ވިދާޅުވީ ވުޒާރާގެ މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިޔާއަށް މަޢުލޫމާތު އެރުވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
"ޤަވާޢިދުގައި ކުނި އެޅުން މަނާ ސަރަހައްދުތައް ސާފުކޮށް ބަޔާންކޮށްފައިވާ އިރުވެސް އެއަށް ސަމާލުކަން ނުދީ އެކި ފަރާތްތަކުން ޢަމަލުކުރަމުން ދާކަން ފާހަގަކުރެވޭ. މިސާލެެއްގެ ގޮތުން، މި ޤަވާޢިދުގައި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން އެ އުޅެނދެއްގައި އުފައްދާ ކުންޏާއިމެދު ޢަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައި އެބަވޭ. ނަމަވެސް އެއާ ޚިލާފަށް އަޅުގަނޑުމެންނަށް މިފެންނަނީ މިފަދަ އުޅަނދު ފަހަރުން ކަނޑަށާއި އަދި ރަށްރަށުގެ ހޭޅިފަށަށް ކުނި ބާލާ މަންޒަރު، މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރަައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ އެބަ ކުރިމަތިވޭ" ވަޒީރު ވިދާޅުވިއެވެ.
މީގެ ޙައްލެއްގެ ގޮތުން، ޤަވާޢިދާ ޚިލާފަށް ޢަމަލު ކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކާއި މެދު ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއްކަމަށްވީ ނަމަވެސް، ރިސޯރޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަވެސް ފާހަގަވެފައިވާ ކަމަށެވެ.
މިފަދަ މައްސަލަތަކުގެ ސަބަބުން، ރާއްޖޭގައި ހެދިފައިވާ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދި އެންމެ އެކަށީގެންވާ ޚަރަދެއްގައި ނުކުރެވޭކަން ވަޒީރު ޠާރިޤް ފާހަގަކުރެއްވިއެވެ.
"މިކަމަށްވެސް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރުވަނީ މުޅިން އާ ގައުމީ ސިޔާސަތުތަކެއް އެކުލަވާލާ އެތަންފީޒުކުރަން ފަށާފަ. މި ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް ޕްރައިވެޓް ސެކްޓަރ އަށް ރަސްމީކޮށް ހުޅުވާލުން. އެގޮތުން އަތޮޅުފެންވަރުގައި ޚިދުމަތް ދިނުމަށް އަތޮޅު ކައުންސިލްތަކަށްވެސް މިހާރު ހުރަހެއް ނެތް" ވަޒީރު ވިދާޅުވިއެވެ.
ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީވެސް މިސިޔާސަތުގެތެރޭގައި ހިމެނޭ ކަމެކެވެ. މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިނިސްޓްރީން މިހާރުވަނީ އެކުލަވާލާ، ގެޒެޓްކުރުމުގެ މަސައްކަތް ފަށާފައެވެ.
ވަޒީރު ޠާރިޤް ވަނީ ހަކަތައިގެ ދާއިރާއަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢު "މަގޭ ސޯލާ" ގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނޭ ފައިދާތަކަށް އަލިއަޅުއްވާލެއްވިއެވެ.
" މިޕްރޮޖެކްޓުގެ ދަށުން އެވަރެޖްކޮށް މަހަކު 300 ޔުނިޓުގެ ކަރަންޓު ބޭނުންވާ ގެއަކުން 2 ކިލޯވޮޓު ގެ ސޯލާ ޕީވީ ސިސްޓަމެއް ހަރުކޮށްގެން ކަރަންޓު ބިލުން މަހަކު ގާތްތަނޑަކަށް 490 ރުފިޔާ ސަލާމަތްކުރެވޭނެ. މި ޢަދަދަކީ ދެންނެވުނު މިންވަރަށް ކަރަންޓު ބޭނުންވާ ގެއެއްގެ ކަރަންޓު ބިލުން ގާތްގަނޑަކަށް %90 ގެ ކުޑަވުމެއް،" ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިހާތަނަށް، މިލިއަނަކަށްވުރެ ގިނަ ގަސް އިންދުމަށް އެކި ފަރާތްތަކުން ޕްލެޖްކޮށްފައިވާ އިރު، މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ ގަސް އިންދިފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެެއްވިއެވެ.
"މި މަޝްރޫޢަކީ ދިވެހިރާއްޖެ ފެހިކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި 5 އަހަރު ތެރޭގައި، 5 މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫޢެއް. އަދި މި މަޝްރޫޢުގެ ދަށުން، އިންދޭ ގަސްތަކުން މާލީ ނަފާ ލިބި، ރާއްޖޭގައި ކެއުމަށް އުފައްދާ ބާވަތްތައް އިތުރުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރުމަކީވެސް މި މަޝްރޫޢުގެ އަމާޒެއް" ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް