ހިލޭ ޑިގްރީގެ ސަބަބުން ޕްރައިވެޓް ކޮލެޖްތަކުގެ ކޯސްތަކުގެ އަގު ވެއްޓިފައިވާ ކަމަށް ޝުޖާއު ވިދާޅުވެއްޖެ

ޝުޖާއު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަނީ

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމުރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށައަޅާފަ

ހިލޭ ޑިގްރީގެ ސަބަބުން ޕްރައިވެޓް ކޮލެޖްތަކުގެ ކޯސްތަކުގެ އަގު ވެއްޓިފައިވާ ކަމަށާއި އޭގެ ސަބަބުން ޕްރައިވެޓް ކޮލެޖްތަށް އިނދަ ޖެހުނު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށައެޅުއްވި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމުރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭ ކަމަށެވެ.

"ހިލޭ ޑިގުރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށް، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އިއްޒަތްތެރި ރައީސް. މަތީ ތައުލީމު ނުވަތަ ހިލޭ ޑިގުރީ ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި" ޝުޖާއު ވިދާޅުވިއެވެ.

ހިލޭ ފުރަތަމަ ޑިގުރީ ކިޔަވައިދިނުމަށް ނިންމައި ސްކީމް ތައާރަފުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެ ސްކީމުގެ ތެރެއިން މިހާރު ވެސް 10،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.

މަތީ ތައުލީމާ ގުޅޭ ބިލެއް މަޖިލިސް ތަޅުމަށް ހުށައެޅިފައިވާއިރު، ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އިއްޔެ ވެސް ވަނީ ކުއްލި މައްސަލައެއް ހުށައަޅާފައެވެ. އެ މައްސަލަ އިއްޔެ ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.