އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އަށް މެންބަރުން ވެއްދުމުގައި ޣައިރު ޤާނޫނީ އެތައް ޢަމަލެއް ހިންގާފައިވާ ކަމަށް ބުނެ، މި މައްސަލަ ތަޙުޤީޤު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ގޮތުގައި، ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ދޮގު ހެކިބަސް ދީފައިވާ މައްސަލަތަކާއި، ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތައް ބެލުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. މިހާތަނަށް މި މައްސަލައާ ގުޅިގެން 3،000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
"ފޯމުތައް ފުރުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދިޔައީ ޑީއެންއާރު ތެރޭގައި. ދައުލަތުގެ ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތައް ބޭނުންކޮށްގެން. އެއީ ސީދާ ކޮރަޕްޝަން. ދައުލަތުގެ އެސެޓެއް ބޭނުމެއް ނުކުރެވޭނެ ސިޔާސީ ޕާޓީއެއްގެ އެއްވެސް ބޭނުމަކަށް" - ގާނޫނީ ކޮމިޓީގެ މެމްބަރު އައިކް މުހައްމަދު އީސާ
މި މައްސަލައިގައި އެތައް ދިވެހި ރައްޔިތެއްގެ މަޢުލޫމާތު ހުއްދަނެތި ނަގައިގެން ވަކި ޕާޓީއަކަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ، މި މައްސަލަ ތަޙުޤީޤުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
"ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުން ރައްކާތެރިވެގެން ވުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް. އަރައިގަނެވުނީ އަސާސީ ހައްގަކަށް. އެއާއެކު ހިނގައިދިޔަ ބައިވަރު ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް އަޅުގަނޑުމެން އެކި އިދާރާތަކުގައި އެދުނީ"- ލީގަލް ޑިރެކްޓަރ މަހުފޫޒް ސައީދް
އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވަނީ މި މައްސަލަތައް ތަޙުޤީޤުކޮށް ނިމެންދެން ޕީއެންސީން ހުށަހަޅާފައިވާ އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤަކަށްވާތީ، އެ ޙައްޤު ހިފެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި.
"މިއީ ދައުލަތުގެ ދިދަ ޖެހި ސިއްކަ ޖެހި އިދާރާއެއްގެ ތެރޭގައި ހިންގި ޖަރީމާއެއް. މިކަމުގެ ސައްހަ މައުލޫމާތު އެނގޭ ފަރާތްތަކަށް ނުފޫޒާއި ފިއްތުންތައް ދަނީ ކުރިމަތިކުރުަމުން. އަޅުގަނޑުމެން އެދެން އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އަދި ޔަގީންކަން އަރުވަން އެ ބޭފުޅުންގެ ހިމާޔަތުގައި ގާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކޮށްދިނުމަށް" - ގާނޫނީ ކޮމިޓީގެ މެމްބަރު މުހައްމަދު ނިޝާން އިބްރާހިމް
މި މައްސަލައާ ގުޅިގެން އެޓަރނީ ޖެނެރަލްއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްފަދަ ދައުލަތުގެ މުހިންމު މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނާޅާ ތިބުމާއި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް