ރައީސް ވާހަކަފުޅު ދައްކަވަނީ
މިކަމުގެ ސަބަބުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭކަމަށް ރައީސް ވިދާޅުވި
ރައްޔިތުން ބޭނުންވާނަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަން ޤާނޫނު އަސާސީއަށް އިޞްލާހު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާލުވީ ޕީއެންސީ ހަރުގޭގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާލުވީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުންކަމަށެވެ. މިއީ އެތައް ގުނައެއް ޚަރަދު ކުޑަވާނެކަމެއްކަމަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށާއި، އޭގެ ކުރިން ރިޔާސީ އިންތިޚާބުގެ 2 ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ކުޑަރަށެއްގެ މީހުން ބޮޑު ރަށަކަށް ބަދަލުކުރަންވިޔަސް އެ ފައިސާއިން ކުރެވޭނެ. އެއަށްވުރެ ކުދިކުދި ކަންކަމަށް ބަލާއިރު އެތައް އާއިލައަކަށް ކަމެއް ކޮށްދެވޭނެ ޢަދަދެއް އެއީ. މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވިއްޖެނަމަ އެއީ ރައްޔިތުންނަވެސް ވަރަށް ފަސޭހަ ކަމަކަށް އެބަވޭ. ރައްޔިތުން ބޭނުންވާގޮތަށް ދައުލަތުގެ ބާރުތަކަށް މީހުން ހޮވާއިރު ވެރިކަން ކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހޮވާ ބޭފުޅުން ހޮވުމުގައި އެ ވިސްނުމުގައި ކުރުމަށް ފަސޭހަވެގެންދޭ." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަށް އެ އިޞްލާހު ގެންނަވާނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެންކަމަށާއި އަދި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް މިއަހަރުގެ ތެރޭގައި އެ އިޞްލާހު ހުށައަޅުއްވާނެކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"ޤާނޫނު އަސާސީއަށް އިޞްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. ރައްޔިތުން މިގޮތަށް ނިންމައިދެއްވައިފިއްޔާ ޤާނޫނު އަސާސީއަށް އިޞްލާހު ގެނެސް 2028ގައި މިދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް. ރައްޔިތުން އެގޮތަށް ނިންމަވާދެއްވާނެކަން އަޅުގަނޑު ޔަޤީންކުރަން." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ބޮޑެތި އިންތިޚާބުތައް ވަކިވަކިން ބޭއްވުމަކީ ވަރަށް ޚަރަދު ބޮޑުކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ކުރިން ވިދާޅުވެފައެވެ.
ކޮމެންޓް