ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ސިފައިންނާއި ފުލުހުންނަށް އިންވެސްޓްކުރަންޖެހެނީ، ދިވެހިރާއްޖޭގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓަން ޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖެއަކީ ފަޚުރުވެރި މިނިވަން ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުން ޤައުމުގެ ރައްޔިތުން ހިމާޔަތްކުރުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެކަމަށެވެ.
ދިވެހިންގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބޮޑުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބޮޑު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ. އެގޮތުން އީއީޒެޑް އެންމެ ބޮޑު 3 ޤައުމުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މިހާ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ ރަށްރަކާއި އަތޮޅުތަށް އޮތް ޤައުމަކަށް ވާއިރު، އަޅުގަނޑުމެންގެ މީސްތަކުންގެ އަދަދު އަދި މިލިއަނުން ގުނާލަން ނުޖެހުނަސް، އަޅުގަނޑުމެންނަކީ ފަޚުރުވެރި މިނިވަން ޤައުމެއް. މި ފަޚުރުވެރި މިނިވަން ޤައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް. އެއީ އަޅުގަނޑު ޤަބޫލުކުރާ ހަމައަކީ. އެހެންވީމަ، ސިފައިންނަށް އެހާބޮޑަށް އަޅުގަނޑުމެން އިންވެސްޓްކުރަނީ. ފުލުހުންނަށް ބޭނުންވާ ކަންކަމުގަ އަޅުގަނޑުމެން އެހާ ބޮޑަށް ސަމާލުކަން ދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ކަންކަން ބެލެހެއްޓުމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަން ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހޯދަން ޖެހޭ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް