ޓީއެމްއޭގެ ނިންމުން ބަދަލުކޮށްފި

ޓީއެމްއޭގެ ބޯޓެއް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ނިންމާފައިވާ ނިންމުން ބަދަލުކޮށް ކުރި އެކޭވެސް އެއްފަދައިން މުސާރަ އެއްކޮށް ޑޮލަރުން ދިނުމަށް ނިންމައިފިއެވެ.

ޓީއެމްއޭގެ ނިންމުން ބަދަލުކޮށްފައިވަނީ މިކަމާ ހިންހަމަނުޖެހުން ފާޅުކޮށް އެ ކުންފުނީގެ މުވައްޒަފުން އިހުތިޖާޖުކޮށް ދަތުރުތައް ހުއްޓާލާނެ ކަމަށް ބުނެފައި ވަނިކޮށެވެ. ޓީއެމްއޭއިން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން އަދި އަނެއް 80 އިންސައްތަ ޑޮލަރުން ދިނުމަށް ގެނައި ބަދަލެވެ. ކުރިން މުވައްޒަފުންނަށް މުސާރަ ދީފައިވަނީ އެކަށް ޑޮލަރުންނެވެ. މި ބަދަލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޓީއެމްއޭގެ މުވައްޒަފުން ހުޅުމާލޭ ވޯޓާސް އެޖް ރޫފްޓޮޕްގައި ބައްދަލުވުމެއްވެސް ބާއްވާފައި ވެއެވެ.

އެ ބައްދަލުވުމުގައި މުވައްޒަފުން ވަނީ މިފަދަ ބޮޑު ބަދަލެއް ގެނެސްފައިވަނީ މުވައްޒަފުންނާއި އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށާއި، ކުރިއަށް އޮތް ތަނުގަައި ވެސް މަޝްވަރާއަކާއި ނުލައި ޓީއެމްއޭން މި ރޭޝިއޯ މަތި ކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ބުނެފައެވެ.

މުވައްޒަފުންގެ މުސާރަ ޑޮލަރުން ދިނުމަށް ނިންމާ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވަނީ ޓީއެމްއޭގެ ސީއީއޯ އުސާމާ ފައުޒީ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ އަދި ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަކަށްވާއިރު، މިކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއްވެސް ވަރަކަށް ޓީއެމްއޭގެ ހިދުމަތްތައް ހުއްޓިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، ރާއްޖޭގެ ޓޫރިޒަމަށް ބްރޭންޑަށް ވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.