ޓީއެމްއޭގެ ދަތުރުތައް ހުއްޓާލަނީ

ޓީއެމްއޭގެ މަތިންދާބޯޓު

(ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ނިންމީ އެ މުވައްޒަފުންނާއި އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ކަމަށާއި، މިކަމުގެ ސަބަބުން ދަތުރުކުރުން ހުއްޓާލަން ނިންމާފައިވާކަމަށް ޓީއެމްއޭގެ ޕައިލެޓުން ބުނެފިއެވެ.

ޓީއެމްއޭއިން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލަކީ މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން އަދި އަނެއް 80 އިންސައްތަ ޑޮލަރުން ދިނުމަށް ގެނައި ބަދަލެވެ. ކުރިން މުވައްޒަފުންނަށް މުސާރަ ދީފައިވަނީ އެކަށް ޑޮލަރުންނެވެ. މި ބަދަލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޓީއެމްއޭގެ މުވައްޒަފުން ރޭ ވަނީ ހުޅުމާލޭ ވޯޓާސް އެޖް ރޫފްޓޮޕްގައި ބައްދަލުވުމެއްވެސް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި މުވައްޒަފުން ވަނީ މިފަދަ ބޮޑު ބަދަލެއް ގެނެސްފައިވަނީ މުވައްޒަފުންނާއި އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށާއި، ކުރިއަށް އޮތް ތަނުގަައި ވެސް މަޝްވަރާއަކާއި ނުލައި ޓީއެމްއޭން މި ރޭޝިއޯ މަތި ކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައެވެ.

ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ އަދި ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަށްވާއިރު، ޓީއެމްއޭގެ ޕައިލެޓުން މިކަމާ ހިންހަމަނުޖެހުން ފާޅުކޮށް ވަނީ ކުރިއެކޭ ވެސް އެއްގޮތަށް ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެދިފައެވެ. އަދި އެކަން އެގޮތަށް ހައްލު ނުކޮށްދީފިނަމަ ދަތުރުކުރުން ހުއްޓާލާނެ ކަމަށްވެސް އެ ޕައިލެޓުން ބުނެފައިވެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއާއެކު ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރު ކުރުމެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.