ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އިނގިރޭސިވިލާތާއެކު މަޝްވަރާކޮށްފި

ރައީސް، އިނގިރޭސިވިލާތުގެ ސްޕީކާ އޮފްދަ ހައުސް އޮފް ކޮމަންސް އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން

އިނގިރޭސިވިލާތުގެ ސްޕީކާ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސާ ލިންޑްޒޭ ހޮޔިލް އެމްޕީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، ސްޕީކާ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓާ ޕެލަސްގައި ހުންނަ، ސްޕީކާޒް ހައުސްގައެވެ.

މި ބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ ޕެލަސް އޮފް ވެސްޓްމިންސްޓާ ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް ދެ ގައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.