41 މައްސަލައިގެ ތެރެއިން ދަޢުވާކޮށްފައިވަނީ އެންމެ 3 މައްސަލަ : އެޗްއާރުސީއެމް

މާފުށި ޖަލު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރުމަށް ފޮނުވާފައިވާ 41 މައްސަލައިގެ ތެރެއިން ދަޢުވާކޮށްފައިވަނީ އެންމެ 3 މައްސަލައިގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހާމަކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި 2023 އަދި 2024 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޗްއާރުސީއެމްގެ ނައިބު ރައީސް މުއުމިނާ ވަޙީދެވެ. މުއުމިނާ ވިދާޅުވި ގޮތުގައި މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ފާހަގަކުރައްވައި، މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެދި މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލަށް ސިޓީއެއް ފޮނުވާފައިވެއެވެ.

މުއުމިނާ ވިދާޅުވި ގޮތުގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލާއެކު ބޭއްވި ބައްދަލުވުންތަކުގައި، މިފަދަ މައްސަލަތަކުގައި ދަޢުވާ ނުކުރެވޭ މައިގަނޑު ސަބަބަކީ ޤާނޫނުލްޢުޤޫބާތާއި އެންޓި ޓޯޗަރ ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ މިންވަރުގެ ތަފާތެވެ. އަދި ގިނަ ފަހަރަށް އިދާރީ ގޮތުން ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވުމަށްފަހު ދަޢުވާ ނުކުރާ ގޮތަށް ނިންމާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރުގެ ޖޫން މަހުން 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެޗްއާރުސީއެމްއަށް ޖުމުލަ 126 މައްސަލައެއް ހުށަހެޅިފައިވާއިރު، 185 މައްސަލައެއް ތަޙުޤީޤުކޮށް، އޭގެ ތެރެއިން 122 މައްސަލައެއްގެ ތަޙުޤީޤު ނިންމާފައިވެއެވެ."އެންޓި ޓޯޗަރގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ފުރަތަމަ ކަމަކީ ޤާނޫނު އިސްލާހުކުރުން،" މުއުމިނާ ވިދާޅުވިއެވެ. އަދި މިހާރު ޤާނޫނަށް ގެނެވޭނެ އިސްލާހުތަކާ ގުޅޭގޮތުން ބަންޑާރަނައިބާއެކު މަޝްވަރާކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

2014 ވަނަ އަހަރު ތަސްދީޤުކުރެވުނު އެންޓި ޓޯޗަރ ޤާނޫނުގެ މަޤުޞަދަކީ ރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ އަދި އިހާނެތި ޢަމަލުތައް ހުއްޓުވުމެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.