ގުޅީ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި

ގުޅީ ބިން ހިއްކުމުގެ މަޝްރޫޢު

ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ގުޅީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.

ކ. ގުޅިއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެވަޢުދުފުޅާ އެއްގޮތަށް ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.

އެމްޓީސީސީން ވިދާޅުވީ، ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 10.15 ހެކްޓަރ މިހާރު ހިއްކާ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުގެ ދަށުން ކުރިއަށް ދާ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތްކަމަށެވެ.

އެގޮތުން ރޮކް ބޯލްޑަރ ރިވެޓްމަންޓްގެ މަސައްކަތުގެ %53 ނިމިފައިވާ ކަމަށާއި މުޅި މަޝްރޫޢުގެ ޖުމްލަ %70 މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެ ކުންފުނީގެ އަމާޒަކީ މުޅި މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލައް ނިންމާލުމެއެވެ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މަރިޗުމަހުއެވެ. މިމަޝްރޫޢާއެކު ގުޅީ ބިން 2 ގުނައަށް އިތުރުވެގެންދާނެއެވެ. މިމަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އެފަހަރު ދޫކޮށްފައިވަނީ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.