ނާޒިމް މަޖިކީހުގެ ބައްދަލުވުމެއްގެ ތެރެއިން
ލޯކަލް ކައުންސިލްތަކުން ބާރުގެ ބޭނުންކުރަނީ އެއްވެސް ކަހަލަ މާލީ ޒިންމާދާރުކަމެއް ނެތި ކަމަށް ނާޒިމް ވިދާޅުވި
ކައުންސިލްތަކުން އަގުބޮޑު ބޭރު ދަތުރުތައް ކުރަމުން ދާތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ދިއްގަރު ދާއިރާގެ ނާޒިމް ވިދާޅުވީ އިޤްތިސާދީ ހާލަތު ދަށްވެފައި އޮތްއިރު ކައުންސިލްތަކުން ބޭރު ގައުމުތަކަށް އަގު ބޮޑުކޮށް ދަތުރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ކަން ބަދަލުވާން ޖެހޭކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"ލޯކަލް ކައުންސިލްތަކުގެ ގާނޫނުން ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި،" ނާޒިމް ވިދާޅުވިއެވެ.
އިޤްތިސާދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީއަށް ބެންކޮކްއަށް ދަތުރުތައް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"އަންނަ ޖުލައި 26 ބަންދުގައި ހއ. އަތޮޅު ކައުންސިލަރުން ވަނީ ބެންކޮކް ދަތުރެއް ރާވާފައި، 2024 ވަނަ އަހަރު ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަަހަށް ތުރުކީއަށް، ތިން ދުވަހަށް ދުބާއީއަށް ދަތުރު ކުރުމަށް 837،000 ހަރަދުކޮށްފައިވޭ، ޑޮލަރު ގަތީ ކަޅު ބާޒާރުގައި 17.65 ލާރިއަށް،" ނާޒިމް ވިދާޅުވިއެވެ.
އިޤްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ސަރުކާރުން ވެސް ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން ސިޔާސީ މަގާމުތަށް މަދުކޮށް ދައުލަތުން ބާއްވާ ހަފުލާތައް ނުބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ.
ކޮމެންޓް