ލީގު ފަށާނީ ސުމަކުން : ޒަބީ

ކޯޗު ޒަބީ އަލޮންސޯ

ރެއާލް މެޑްރިޑުން ކުރިއަށް އޮތް ސީޒަން ފަށާނީ ސުމަލުން ކަމަށާއި ފަށާނީ ޓީމެއް ބިނާ ކުރުމަށް ކަމަށް ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުލަބު ވޯލްޑް ކަޕުގެ ސެމި ފައިނަލުގައި ރޭ ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އަތުން 4-0އިން ބަލިވުމުންނެވެ. މި މެޗަށް ނުކުތްއިރު ވެސް ރެއާލް މެޑްރިޑުގެ ދިފާއަށް އޮތީ މައްސަލަ ކުރުމަތިވެފަ އެވެ. ޑީން ހުއިސެން އަށް ރަތްކާޑު ދައްކާފައިވުމާއި ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޮލްޑަށް އަނިޔާވެފައިވުމުންނެވެ. މިހެންވެ ރެއާލް މެޗު ފެށީ ބަދަލުތަކަކާއެކުގަ އެވެ.

"އަހަރުމެން ކޮޅަށް އެހާ އަވަހަށް ދެ ގޯލު ވަނުމުން އެނގެނީ މިއަދު އަހަރުމެން މި ތިބީ (ޕީއެސްޖީ)ގެ ފެންވަރުގައި ނޫން ކަން. އަހަރުމެންނަށް މިއީ ހިތްދަތި ބައްޔެއް. ހަގީގަތުގައި ޓީމުގެ ބަލިފައިތައް ދެނެގެންނަން މިއީ ލިބުނު ފުރުސަތެއް،" ކޯޗު ބުންޏެވެ.

މިދިޔަ ސީޒަން ނިމުމާއެކު ޓީމާ ހަވާލުވި އަލޮންސޯ ބުނީ ރެއާލް މެޑްރިޑް އަންނަ ސީޒަން ފަށާނީ ޓީމެއް ބިނާ ކުރުމުގެ ވިސްނުމުގައި ކަމަށެވެ. "ސީޒަން ފަށާނީ ސުމަކުން. މިހާރު މި އޮތީ ޓީމެއް ބިނާ ކުރަން ޖެހިފައި. ބަލިވުމަކީ ހެދުނު މިސްޓޭކްތަކާ އެއްޗެހި ރަނގަޅު ކުރަން ލިބޭ ފުރުސަތެއް. އަހަރުމެން މަސައްކަތް ކުރާނީ އެ ގޮތުގެ މަތީން،" ކޯޗު ބުންޏެވެ.

ރެއާލްއިން ވަނީ ސްޕެނިޝް ލީގު ފެށުން ފަސްކޮށްދޭން އެދިފަ އެވެ. އެއީ ކުލަބު ވޯލްޑް ކަޕަށް ފަހު މަދުވެގެން ހަ ހަފުތާ ބޭނުންވާތީ އެވެ. އެ ކުލަބުން ނިންމާފައިވަނީ މި މުބާރާތަށް ފަހު ތިން ހަފުތާ ކުޅުންތެރިންނަށް އަރާމު ކުރަން ދިނުމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.