ރައްޔިތުންގެ މަޖިލިސް
ޖީއެސްޓީ ނެގުމާ ގުޅޭ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ޖީއެސްޓީ ނަގަން ލާޒިމްވާ ވަގުތު ކަނޑައެޅުމަށް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިން ވަގުތު ބަޔާންކޮށްފައިވާ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.
މި މައްސަލައަށް ބަހުސްކުރުމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުން ކަމަށްވާއިރު، ނުފެންނަ ކަމަށް ވޯޓުދެއްވާފައިވަނީ 36 މެންބަރުންނެވެ. މައްސަލަ ހުށަހަޅުއްވަމުން ނިއުޝާދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ޖީއެސްޓީ ނެގުމަށް ހަމަޖެހިފައިވާ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ދިމާވާ ދަތިތަކުގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޖީއެސްޓީ ނެގުން ލާޒިމްވަނީ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތު ނުވަތަ މުދަލެއް ގަންނަ ނުވަތަ ޚިދުމަތެއް ލިބިގަންނަ ފަރާތުން އަގު އަދާކުރާ ވަގުތުގައެވެ. ނަމަވެސް "ވިޔަފާރިތަކުން ދޭ ޚިދުމަތުގެ ނުވަތަ ވިއްކާ މުދަލުގެ އަގަށްވާ ފައިސާ ނުލިބުން މިހާރު ވަނީ އާންމުވެފައި" ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
ޚާއްޞަކޮށް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށްފަހު، އިންވޮއިސްތަކަށް ފައިސާ ނުލިބޭކަން ނިއުޝާދު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ވިޔަފާރިތަކުން ޖީއެސްޓީ ނުދެއްކި އޮތުމުން، އެ ވިޔަފާރިތައް ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅައި، އެފަދަ ވިޔަފާރިތަކާ މަސައްކަތް ޙަވާލުނުކުރުމަކީ "ދައުލަތުގެ ފަރާތުން ވިޔަފާރިތަކާ މެދު ހިންގަމުންދާ އިޤްތިޞާދީ ޖަރީމާއެއް" ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
ކޮމެންޓް