ހެންވޭރު އުތުރު ދާއިރާގެ މެންބަރު އައިފާން މަޖްލީސް ތަޅުމުގައި
މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދައްކާތީ އެ މެންބަރުން ލަދު ނުގަނޭތޯ ސުވާލު އުފައްދާފައިވެއެވެ.
ބަޔެއް މަޖިލީސް މެންބަރުން އައިކެއަރއަށް ފޮނުވައިގެން ލޯ ސަލާމަތުން ހުރިތޯ ބަލަންޖެހޭ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށައެޅި ދަރަންޏާއި ބެހޭ ބިލުގެ ބަހުސްގައި ބައެއް މަޖިލީހުގެ މެންބަރުން ކުރީ ސަރުކާރުތަކުން ލޯނު ނަގައިގެން ކުރި ކަމެއް ނެތް ކަމަށް ވިދާޅުވުމުން މަޒާޖީ ގޮތަކަށް އައިފާން ވަނީ ރައްދު ދެއްވާފައެވެ.
"ލޯ ސަލާމަތުން ހުރިއްޔާމުން އަޅުގަނޑަށް އެބަ ފެނޭ މިތާ އިއްޒަތްތެރި އެއްބައި މެންބަރުން އައިކެއަރއަށް ފޮނުވަން، އައިކެއަރއަށް ފޮނުވައިގެން މި ބޭފުޅުންގެ ލޯ ހުރީ ސަލާމަތުންތޯ ބަލަން އަޅުގަނޑުމެން އެބަ ބޭނުންވޭ ނޫނީ މި ބޭފުޅުންގެ ބުއްދި ހުރީ ސަލާމަތުންތޯ ބަލަން އަޅުގަނޑުމެން އެބަ ބޭނުންވޭ އަޅުގަނޑުމެންނަށް އެބަ ފެނޭ ނިކުމެ ބަލައިލީމަ ޕީޕީއެމްގެ ވެރިކަމުގައި މި ޤައުމުގައި މަޝްރޫޢުތައް ހިންގާފައި ހުރީ ވިސްނައިގެންކަން" އައިފާން ވިދާޅުވިއެވެ.
އައިފާން ވަނީ ޤައުމު ދަރުވާލި މީހުންނާއި ޤާނޫނު އަރާ ހަމަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުން މިދިޔަ 5 އަހަރު ކުރީ ކޮން މަސައްކަތެއްތޯ ވަނީ ސުވާލު އުފައްދާފައެވެ.
"ދައުލަތުގެ ހުރި މިނިވަން މުއައްސަސާތަކުގައި ތިބި އިސްވެރިން މި ނިމިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުރީ ކޮން މަސައްކަތެއްތޯ ރެބަޖެހޭ ބަލަން. މި ޤައުމު ދަރުވާލާ ނޫނީ މި ޤައުމު މިހާލަތަށް ވައްޓާލިއިރު މި މީހުންގެ ޒިންމާތައް އަދާނުކޮށް މި ހުރީ ކީއްވެގެންތޯ އެބަޖެހޭ ބަލަން" އައިފާން ވިދާޅުވިއެވެ.
އައިފާން ވަނީ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދައްކާތީ އެ މެންބަރުން ލަދު ނުގަނޭތޯ ސުވާލުކުރައްވާފައެވެ.
"މިތާނގައި ވާހަކަ އޮޅުވާލައިގެން ނޫނީ ރައްޔިތުންނަށް އޮޅޭނެ ގޮތަށް ވާހަކަދައްކާ އެއްބައި މެންބަރުން އަޅުގަނޑު ހިތައްއަރާ މި ވާހަކަ ދައްކާއިރު މި ބޭފުޅުން ލަދެއްނުގަނޭބާވައޭ. މީހުން އައުރަނިވާކޮށް ނޫނީ ގަމީސް ލައިގެން ރީތިވެގެން ހުންނަނީ އައުރަނިވާކުރަން. އެއީ ލަދުވެތި ގުނަވަންތައް ފެނިދާނެތީ އެކަމަށް ޓަކައި ލަދުން" އައިފާން ވިދާޅުވިއެވެ.
އައިފާން އަކީ ކުރިން މާލެ ސިޓީ ކައުންސިލްގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އައިފާން އެ މަގާމުން އިސްތިއުފާ ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ.
ކޮމެންޓް